މިއަހަރުގެ ޅެންވެރީންގެ ދުވަހާ ގުޅުވައިގެން ދިވެހި ބަހުގެ އެކެޑެމީއިން ބާއްވާ ސަމާސާ އަދަބުގެ ޅެން ހެދުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހި ބަހުގެ އެކެޑެމީއިން ބާއްވާ ސަމާސާ އަދަބުގެ ޅެން ހެދުމުގެ މުބާރާތަކީ، ދިވެހި ޅެންވެރިކަމާއި އަދަބިއްޔާތައް ޝައުގުވެރިކުރުވުމާއެކު ދިވެހިބަހުން ސަމާސާ އަދަބުގެ ޅެންހެދުމުގެ ހުނަރު އާލާކޮށް އެ ފަންނުގެ އުފެއްދުންތެރިކަން އިތުރުކުރުންކަމަށް އެ އެކެޑެމީއިން ވިދާޅުވެއެވެ.
އެ މުބާރާތުގައި ބައިވެރިކުރާ ޅެންތަކުގައި ހުންނަން ޖެހޭ ޝަރުތުތަކާއި ޅެމުގައި ހިމެނިގެން ނުވާނޭ ކަންކަމުގެ އިތުރުން މުބާރާތުގައި އިންސާފު ކުރާނެ ގޮތާއި މިންގަނޑުތައް ދިވެހި ބަހުގެ އެކެޑެމީއިންވަނީ އާންމުކޮށްފައެވެ.
ދިވެހި ބަހުގެ އެކެޑެމީއިން ވިދާޅުވީ، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަމަހުގެ 1 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން އެ އެކެޑެމީއަށް ޅެން ފޮނުވަންވާނެކަމަށެވެ.
މުބާރާތުގައި ބައިވެރިވުމަށް ފޮނުވާ ޅެންތައް ހުށަހެޅޭނީ، އީމެއިލް މެދުވެރިކޮށް ނުވަތަ ދިވެހި ބަހުގެ އެކަޑެމީގެ ކައުންޓަރާ ހަވާލު ކޮށްގެން ކަމަށް އެ އެކެޑެމީއިން ވިދާޅުވެއެވެ. އީމެއިލް ކުރާނަމަ، ވޯޑު ނުވަތަ ޕީޑީއެފް ފައިލް ހިމެނުމަށްފަހު މެއިލް ކުރަން ޖެހޭނީ [email protected] އަށް ކަމަށް އެ އެކެޑެމީއިން ވިދާޅުވެއެވެ.
ޅެން ހުށަހަޅާއިރު، ޅެން ހުށަހަޅާ މީހާގެ ފުރިހަމަ ނަމާއި ގުޅޭނެ ނަންބަރު ޖަހަން ޖެހެ އެވެ. އަދި ޅެމާއެކު އެ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ވެސް ހުށަހަޅަން ޖެހެ އެވެ
މި މުބަރާތަށް ހުށަހަޅާ ޅެންތަކުގެ ތެރެއިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ހަމަޖެހިފައިވެއެވެ. އަދި ވަނަވަނައަށްދާ ޅެން، ދިވެހި ބަހުގެ އެކެޑެމީއިން ޝާޢިޢުކުރާނެކަމަށް އެ އެކެޑެމީއިން ވިދާޅުވިއެވެ.