މިދިޔަ އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމަށް 151 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފަވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މަތީ ތަޢުލީމު ހޯދުމަށް ސަރުކާރުން ފަހިކޮށްދީފައިވާ ފަހި ފުރުޞަތުގައި މި ވޭތުވެދިޔަ 2 އަހަރު ހިމެނޭހެން މިހާތަނަށް 301.6 މިލިއަން ރުފިޔާ، ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ވަނީ ހޭދަކޮށްފައެވެ.
މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު 2798 ދަރިވަރަކު ފުރަތަމަ ޑިގްރީ ޕްރޮގްރާމްގައި މުޅިން އަލަށް ރަޖިސްޓްރީވެ، ސަރުކާރުން ދަނީ އެ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކިޔަވަމުންދިޔަ 3286 ދަރިވަރުން މިދިޔަ އަހަރު ދަސްވެނިވެފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން މިވަގުތު 8680 ކުދިން އަންނަނީ ޑިގްރީއަށް ކިޔަވަމުންނެވެ. އޭގެތެރޭގައި ހިމެނެނީ 5486 އަންހެން ކުދިންނާއި، 3194 ފިރިހެންކުދިންނެވެ.
މި ވުޒާރާގެ ތަފާސް ހިސާބުތައް 2024 - 2025
— Min. of Higher Edu, Labour and Skills Development (@MoHEmv) January 12, 2026
ފުރަތަމަ ޑިގްރީ ސްކީމް#HigherEducation pic.twitter.com/iVMk2DBV2F
މިދިޔަ އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމަށް ސަރުކާރުން ވަނީ 151،302،259 ( ސަތޭކަ ފަންސާސް އެއް މިލިޔަން ތިންސަތޭކަ ދެ ހާސް ދުއިސައްތަ ފަންސާސް ނުވައެއް) ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިހާތަނަށް މި ވޭތުވެދިޔަ 2 އަހަރު 301.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މި ދެ އަހަރުގެ ތެރޭގައި މި ޕްރޮގްރާމަށް 5863 ދަރިވަރުން މުޅިން އަލަށް ރަޖިސްޓަރކޮށް، ކިޔެވުން ދަނީ ކުރިއަށްގެންދަމުންނެވެ.
އަދި ހިލޭ ޑިގްރީގެދަށުން ކިވަމުންދިޔަ ދަރިވަރުންގެތެރެއިން 6640 ދަރިވަރުން ވަނީ ކޯސްތައް ނިންމާ ދަސްވެނިވެފައެވެ.
މި ޕްރޮގްރާމްގެ މަޤުޞަދުތަކުގެތެރޭގައި ރާއްޖޭގައި ވަޒީފާގެ ޑިމާންޑް އޮތް ދާއިރާތަކުން މީހުން ބިނާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ. ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަކީ، މަތީ ތަޢުލީމަށް ކިޔެވުމުގެ ރޫޙު އަށަގެންނެވުމަށާއި، އަދި މާލީ ދަތިކަން ކުރިމަތިނުވެ ތަޢުލީމު ޙާސިލުކުރުމަށް ފަހިކޮށްދީފައިވާ ޕްރޮގްރާމެކެވެ.