ޚަބަރު

އޮޕަރޭޝަން އަލިމަގު: 4 މީހުން ހައްޔަރުކޮށް، 3 މީހުން ޝަރީއަތް ނިމެންދެން ބަންދަށް


  • މި އޮޕަރޭޝާން ހިންގާފައިވަނީ ގއ. އަތޮޅުގައި އަދި މާލޭގައި

  • މި އޮޕަރޭޝަންގައި 10 ތަނެއް ބަލާ ފާސްކޮށްފައިވޭ

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން އަލިމަގުގެ ތެރެއިން ގއ. ގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހައްޔަރު ކުރި 4 މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

މި އޮޕަރޭޝަން މިއަދު ކުރިއަށް ގެންގޮސްފައިވަނީ މާލެ ސަރަހައްދުގައާއި ގއ.އަތޮޅުގައެވެ. އޮޕަރޭޝަންގެ ދަށުން 10 ތަނެއް ބަލާ ފާސްކޮށް 4 މީހަކު ހައްޔަރުކޮށްފައިވެއެވެ. ފުލުހުން އޮޕަރޭޝަންގެ ދަށުން ހައްޔަރުކޮށްފައިވާ މީހުންނަކީ ގއ. ވިލިނގިލި، ޝެވޯނާ އުމުރުން 28 އަހަރުގެ ޝައްފާޙް ލަޠީފް، އެ ރަށު މިޔުޒިކީއާގެ އުމުރުން 33 އަހަރުގެ އަޙްމަދު މަދީޙުއާއި ގއ. ވިލިނގިލި، އައިޒަން އުމުރުން 30 އަހަރުގެ އަޙްމަދު އަނާމް އިބްރާހީމް އަދި އެރަށަށް ނިސްބަތްވާ އަރާއިރު އުމުރުން 35 އަހަރުގެ ނޫރުއްނިޡާމްއެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދުގެ މުއްދަތު ޖެހިއެވެ.

މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއަދު ކުރިއަށްގެންދާ މި އޮޕަރޭޝަނަަކީ، ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ޤާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއްގެ އަމަލީ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

'އޮޕަރޭޝަން އަލިމަގު'ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްދާ އޮޕަރޭޝަންތަކެއް ފުލުހުން ފެށީ، މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މިއޮޕަރޭޝަން މިހާތަނަށް ރާއްޖޭގެ 39 ރަށެއްގައި ހިންގާފައިވާއިރު، 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ.