ޚަބަރު

ނިއު އޮތީ ތިން ޕޮއިންޓުން ތިން ޕޮއިންޓުން ކުރިއަށްދާން ވިސްނައިގެން: ސުޒެއިން


ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ދިވެހި ޕްރިމިއަރ ލީގުގައި މިހާރު އަމާޒުހިފާފައި ވަނީ ތިން ޕޮއިންޓުން ތިން ޕޮއިންޓުން ކުރިއަށްދާންކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ދިވެހި ލީގުގައި އޮޑިއާ ނިއު ބައްދަލުކުރި މެޗު އެއްވަރުވުމާ ގުޅިގެން ޓައިޓަލް ރޭސްއަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ސުޒެއިން ވަނީ މާޒިޔާއަށް އެއްވަނައިގައި ބޮޑު ލީޑެއް ލިބިގެންދިޔަކަމާއި މިއާއެކު ލީގު ރޭސް ވަރަށް ބޮޑަށް ތަފާތުވެގެންދާނެކަން ފާހަގަކޮށްފައެވެ.

"ލީގުގައި މާޒިޔާއަށް ވަރަށް ބޮޑު ލީޑެއް ލިބިގެން މިދިޔައީ. ލީގުގެ އެ ރޭސް މިހާރު ވަރަށް ބޮޑުތަނުން ތަފާތުވެގެން މިދިޔައީ. އޮޑިއާ މާޒިޔާއާ އޮތް ޑިސްޓެންސް ބޮޑުވެގެން މިދިޔައީ. އޮޑި އޮތީ އެންމެ ޗެލެންޖިން ޓީމަކަށް. މާޒިޔާއަށް މިހާރު ވަރަށް ހަމަޖެހިލެވުނީ ". ސުޒޭން ބުންޏެވެ.

ސުޒެއިން އިތުރަށް ބުނީ، ނިއުއިން އަދިވެސް ތާވަލުގެ ދެވަނަ ހޯދަން، ނުވަތަ ދެން ހޯދެން އިން މަގާމެއް ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ.

"ނިއުރޭޑިއަންޓް މިހާރު މިއޮތީ ތިން ޕޮއިންޓުން ތިން ޕޮއިންޓުން ޕްލޭންކޮށްގެން ކުރިއަށްދާން. އިތުރަކަށް މާ ދުރަކަށް ވިސްނާކަށް ނުޖެހޭ. ހަމަ ކައިރީގައި ހުރި އެއްޗެއް ނަގައިގެން ދެން ދެތިން ކޯއްޗެއްތޯ ބެލުން އޮތީ" ޓީމުން މި ސީޒަނުގައި ކުރިއަށްދާން ނިންމާފައިވާ ގޮތާ ގުޅޭގޮތުން ވާހަކަދައްކަމުން ސުޒެއިން ބުންޏެވެ.

ހަތް އަހަރަށްފަހު އެނބުރި ފުރަތަމަ ޑިވިޝަނުގައި ކުޅެން ލިބުމުން ނިއުރޭޑިއަންޓުން މަސައްކަތް ފެށީ އައު ލީޑަރޝިޕެއްގެ ދަށުން ވަރަށް ރޭވުންތެރިކަމާއެކު ބޮޑު ޚަރަދުތަކެއް ކޮށްގެންނެވެ.

މިހާތަނަށް އައިއިރު ކޮންމެ ޓީމަކުން ވެސް ލީގުގައި 13 މެޗު ކުޅެފައިވާއިރު ނިއު އޮތީ 24 ޕޮއިންޓާއެކު ތިންވަނައިގައެވެ. އޮޑި ދެވަނައިގައި އޮތީ 29 ޕޮއިންޓު ހޯދައިގެންނެވެ. އެއްވަނައިގައި މާޒިޔާ އޮތީ 37 ޕޮއިންޓާއެކުއެވެ.