ދިވެހި ޕްރިމިއަރ ލީގުގައި ދިވެހި ފުޓުބޯޅައިގެ ގަދަބާރު މާޒިޔާއާ ވާދަކޮށް ބަލިވި ނަމަވެސް، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ތައުރީފު ހައްގު ކުޅުމެއްކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ.
ލީގުގައި މި މަހުގެ 4 ވަނަ ދުވަހު މާޒިޔާއާ ދެކޮޅަށް ކުޅެ ޔޫވީ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.
މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނަޒީހް ބުނީ، މެޗަށް ނުކުތީ މަދުވެގެން ޕޮއިންޓެއް ހޯދަން އަޒުމުކަނޑައަޅައިގެން ކަމަށާއި ކުޅެން ނިކުތް ގޭމަށް، ޔޫވީ ކޮޅަށް ވަން ފުރަތަމަ ގޯލާއެކު ނުރަނގަޅު އަސަރުތަކެއް ކުރި ކަމަށެވެ.
"އުއްމީދުކުރީ ޕޮއިންޓެއް ނަމަވެސް ލިބޭތޯ އެކަމަކު އެހެނެއްނޫން މި ދިޔައީ. ފުރަތަމަ އެ ވަން ގޯލާ އެކީގައި ވެސް ގޯސްވެގެން ދިޔަ އަސްލުގަ ގޭމް. ވަރަށް ހިތްވަރުކޮށްފަ ކުދިން ކުޅެމުންދަނިކޮށް އެ ގޯލު ވަނީ. ވަރަށް އާދައިގެ ގޯލެއް އެއީ. އެއީކީ ވެގެން ވާނެ ގޮތެއް ވެސް ނޫން" ޓީމުން މެޗުގައި ދެއްކި ކުޅުމާ ގުޅޭގޮތުން ވާހަކަދައްކަމުން ނަޒީހު ބުންޏެވެ.
މެޗުން ބަލިވި ނަމަވެސް، މި މެޗަށް ބިނާކޮށް ޔޫވީގެ ކުޅުން މިނައިގެން ނުވާނެ ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެކަމަށް ނަޒީހު ބުންޏެވެ. އޭގެ ސަބަބުން ވެސް އޭނާ ކިޔައިދިނެވެ.
"މާޒިޔާ ހަމަ ރަނގަޅަށް ކުޅެމުންދަނިކޮށް މީނީ 1-2 ވެފަ. ގޭމެއް ރަނގަޅަށް ކުޅެވޭނީ ވެސް ކުޅުންތެރިން ތިބެގެން ހަމަ. ފުރަތަމަ ވަރަށް ފޮނިކެނޑިން ފުރަތަމަ ބުރު ނިންމާލާފަ. މިވެނި މިވެނި ބަޔަކު އެބަ ގެންނަމޭ ކިޔާފަ. އެކަމު ސްޓްރައިކަރު ވެސް ގެނެވުނީ ފުރަތަމަ މެޗުގެ ދެ ދުވަސް ކުރިން. ޑިފެންޑަރު އަންނާނީ މިރޭ (ޖެނުއަރީ 4). އެހެންވީމަ ކުޅުންތެރިން ވެސް އެވެއިލަބަލް ވެގެން ރިސަލްޓް ނެރެވޭނީ. މިސާލަކަށް މާޒިޔާ ދީފިއްޔާ ތުނބުންފުމެލާފަ ދިވެހި ކޮންމެ ކޯޗަކު ވެސް ތަށި ނަގާނެ. އެއީ އެއޮތީ ނެޝަނަލް ޓީމުގެ 11 މީހުން ކަންނޭނގެ. އެހެންވީމަ އެ ލެވަލްގެ ޓީމަކާ މިއާ ވަރަށް ތަފާތުވާނެ. އެހެންވީމަ މިދޭތި މިނެގެން ނުވާނެ އެގޮތަށް. ހަމަ ތައުރީފު ހައްގު ކުޅުމެއް ޔޫވީގެ ކުޅުންތެރިންގެ ފަރާތުން ހަމަ ފެނުނީ" ނަޒީހު ބުންޏެވެ.
ގޭމް ވީކް 13 ގައި މާޒިޔާއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުން ޔޫވީ ބަލިވިއިރު، ލީގު ތާވަލުގައި ޔޫވީ އޮތީ 13 މެޗުން ހަތް ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ. ކުޅުނު 13 މެޗުގެ ތެރެއިން 10 މެޗުން ޔޫވީ ބަލިވިއިރު އެއް މެޗުން އެއްވަރުވެ، ދެ މެޗުން ވަނީ މޮޅުވެފައެވެ.