މެދުރާއްޖެއާ އުތުރުގެ އަތޮޅުތަކުގެ ވައި ވަރަށް ބޮޑަށް ނުސާފުވުމާއި ގުޅިގެން އާންމުކޮށް ހުރިހާ ފަރާތްތަކުގެ ސިއްޙަތަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑުކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން ވަނީ މިދުވަސްވަރު ބޭރުގައި ކުޅިވަރުގެ ހަރަކާތްތައް ބޭއްވުމާއި ކަސްރަތުކުރުމަށް ބޭރަށް ދިޔުން މަޑުޖައްސާލަން އިލްތިމާސްކުރައްވާފައެވެ.
ރާއްޖެ ސަރަޙައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވެ ވިޒިބިލިޓީ ނުވަތަ ދުރުފެންނަ މިންވަރުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މެޓު އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ދުރުފެންނަ މިންވަރު ބުދަދުވަހުވަނީ 1.5 ކިލޯމިޓަރަށްވުރެ ދަށްވެފައެވެ. މިއާއެކު މެދުރާއްޖެއާއި އުތުރުގެ ސަރަޙައްދުތަކުގެ ވައި ނުސާފުވެ ވައިގެ ކޮލިޓީ ދަށްވުމުގެ ސަބަބުން މިހާރު "ރެޑް އެލާޓް"އަށްވަނި އަރާފައެވެ. މެޓުން ވިދާޅުވީ ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖެ ސަރަޙާއްދުގެ ވައި ނުރައްކާ މިންވަރަކަށް ނުސާފުވާނެކަމަށް ބެލެވޭކަމަށެވެ.
މިއީ އާންމުކޮށް ހުރިހާ ފަރާތެއްގެ ސިއްޙަތަށްވެސް ނުރައްކާވާ މިންވަރެއްކަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިންވަނީ އާންމުކޮށް ހުރިހާ ފަރާތަކުންވެސް މިދުވަސްވަރު ބޭރުގައި އުޅުމުގައި ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސް ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ ސަރައްޙަދުތަކަށް، ޚާއްޞަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ (Haze) އަސަރު ވަރަށް ބޮޑަށް ކުރަމުންދޭ. ކުރިއަށް އޮތް 5 ދުވަހުވެސް ދުންފުހުގެ (Haze) އަސަރު ރާއްޖޭގެ ސަރަޙައްދުގައި ހުންނާނެ… pic.twitter.com/0K28HLtBtE
— Health Protection Agency (@HPA_MV) January 7, 2026
އެޗްޕީއޭއިން ވިދާޅުވީ ސިއްޙީގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ ހުރިހާ އެންމެނަށްވެސް ބޮޑުކަމަށެވެ. އެހެންކަމުން މިދުވަސްވަރު ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިދުވަސްވަރު ހުރިހާ އެންމެންވެސް ބޭރަށް ނިކުމެ އުޅުމުގައި N95 މާސްކު ނުވަތަ އެފަދަ މާސްކެއް ބޭނުންކުރުމަށްވަނީ އިރުޝާދުދެއްވާފައެވެ. އަދި ބޭރުގެ ނުސާފު ވައި ގޭތެރެއަށް ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އެއަރ ޕިއުރިފަޔަރ ބޭނުންކުރުމަށްވަނީ އިރުޝާދުދެއްވާފައެވެ.
މިދުވަސްވަރު ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތައް ހުންނަ ފަރާތްތަކާއި ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުން ބޭރުތެރެއަށް ނުދިޔުމަށް ސިއްޙީ ދާއިރާގެ ބޭފުޅުން އިރުޝާދުދެއްވައެވެ.
ރާއްޖޭގެ އެއަރ ކޮލިޓީ ބަލަހައްޓާ ވިލިމާލޭގައި ހުންނަ ސިސްޓަމުން ދައްކާގޮތުން މާލެ ސަރަޙައްދުގައި ވައިގެ ނުސާފުކަން ބުދަދުވަހުގެ މެންދުރުހުރީ 193 ގައެވެ. އަދި ދ. ކުޑަހުވަދޫގައި ހުންނަ މޮނިޓަރިންގ ސިސްޓަމުންދައްކާގޮތުން އެސަރަޙައްދުގެ ވައިގެ ކޮލިޓި ހުރީ 162 ގައެވެ.
ރާއްޖެ ސަރަޙައްދުގެ ވައި ނުސާފު ވެފައިވަނީ އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމާއެކުގައެވެ. ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައި މިމައްސަލަ ރާއްޖެއަށްދަނީ ކުރިމަތިވަމުންނެވެ.