ޚަބަރު

ޞިއްޙީ ދާއިރާއަށް 35 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު މައިމޫނާ ރިޓަޔަރ ކުރައްވަނީ


  • މައިމޫނާވަނީ ކޯވިޑުން އަރައިގަތުމުގެ މަސައްކަތުގައި އިސްދައުރެއް އަދާކުރައްވާފައި

  • އެޗްޕީއޭގެ ޑީޖީކަމުގެ މަޤާމުގައި 9 އަހަރުވަނީ މަސައްކަތް ކުރައްވާފައި

ރާއްޖޭގެ ސިއްޙީ ދާއިރާއަށް ގިނަ އަހަރުތަކެއްވަންދެން ޚިދުމަތް ކުރެއްވުމަށްފަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ރިޓަޔަރކުރައްވަން ނިންމަވައިފިއެވެ.

މައިމޫނާއަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް މުހިއްމު ޚިދުމަތްތަކެއްކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ޢައްޔަންކުރެއްވުމަށްފަހު ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައިވަނީ އާންމު ސިއްޙަތުގެ ދާއިރާއިން މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.

އެގޮތުން މައިމޫނާގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ މުޅި ދުނިޔެއަށް ކުރިމަތިވީ އާލަމީ ވަބާކަމުގައިވާ ކޯވިޑް-19ގެ ދުވަސްވަރުގައެވެ.ކޯވިުން ސަލާމްތވުމަށް ނިންމެވި ނިންމެވުންތަކާއި އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް ހައްލެއްގެނައުމަށް ސައްޙަ މަޢުލޫމާތު ގެނެސްދެއްވުމުގައި ފާހަގަކޮށްލެވޭ ދައުރެއްވަނީ އަދާކުރައްވާފައެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާއިން 1990ވަނަ އަހަރު ޚިދުމަތަށް ނުކުންނެވުމަށްފަހު ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި މައިމޫނާވަނީ ދައުލަތަށް ސިއްޙީ ދާއިރާގެ އެކި މަޤާމުތައް ފުރުއްވާފައެވެ.

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުން ރިޓަޔަރކުރެއްވިނަމަވެސް ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ މުހިއްމުކަންކަމުގައި، ބޭނުންވާ ޙާލަތްތަކުގައި ޚިދުމަތްކުރެއްވުމުގައި މައިމޫނާ ދެމިހުންނަވާނެކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ.