ޚަބަރު

ފޮރެސްޓް އަތުންވެސް ވެސްޓް ހޭމް ބަލިވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ވެސްޓްހޭމް ޔުނައިޓެޑް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ވެސްޓްހޭމް ޔުނައިޓެޑް ބަލިވެއްޖެ އެވެ.

ރެލިގޭޝަން ޒޯނުގައި މިވަގުތު އޮތް ވެސްޓްހޭމް ޔުނައިޓެޑް އަށް 21 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު އޮތީ ތާވަލުގެ 18 ވަނައިގަ އެވެ. އަދި ފޮރެސްޓަށް މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ 21 ޕޮއިންޓާއެކު 17 ވަނަ މަގާމް ލިބިފަ އެވެ.

ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 13 ވަނަ މިނިޓުގައި ނޮޓިންހަމް ފޮރެސްޓްގެ މުރީލޯ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ވެސްޓްހޭމް އަށް ވަނީ މި މެޗުގައި ކުރި ލިބިފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުއިރު ވެސްޓްހޭމް އިން ކުރީގައި އޮތް ނަމަވެސް ނޮޓިންހަމް ފޮރެސްޓް އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް ވެސްޓްހޭމްގެ ގޯލަށް ނުރައްކާކޮށްފަ އެވެ.

ވެސްޓްހޭމް އަށް ލިބުނު ފުރުސަތެއްގައި އެ ޓީމުގެ ސަމަރވިލް ލަނޑެއް ޖަހާ ފަރަގު ބޮޑުކުރި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.

ނޮޓިންހަމް ފޮރެސްޓް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 55 ވަނަ މިނިޓުގައި ނިކޮލަސް ޑޮމިންގޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ވެސްޓްހޭމްގެ ގޯލުކީޕަރު އަލްފޮންސް އަރެއޯލާ ފޮރެސްޓްގެ މޯގަން ގިބްސް ވައިޓް އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ނޮޓިންހަމް ފޮރެސްޓަށް ޕެނަލްޓީއެއް ދީފަ އެވެ. ފޮރެސްޓް އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ޕެނަލްޓި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މޯގަން ގިބްސް ވައިޓް އެވެ.

ވެސްޓްހޭމް ގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯގެ އިރުޝާދުގެ ދަށުން އެ ޓީމުން އެންމެ ފަހުން ކުޅުނު 16 މެޗުން އެ ޓީމަށް ލިބިފައިވަނީ އެންމެ 11 ޕޮއިންޓެވެ.