އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ޗެލްސީގެ ކޯޗު ކަމަށް ފްރާންސްގެ ސްޓްރާސްބޯގަށް ކޯޗު ކޮށްދެމުން އައި ލިއާން ރޮޒީނިއާ ހަމަޖައްސައިފި އެވެ.
އިނގިރޭސިވިލާތަށް އުފަން އުމުރުން 41 އަހަރުގެ ރޮޒީނިއާ ޗެލްސީގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ ފަސް އަހަރާއި ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އަންގާރަ ދުވަހު އެވެ. އަދި މި އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެއް އަހަރު ދުވަސް އިތުރު ކުރެވިދާނެ އެވެ.
އައު އަހަރު ފެށުނު ދުވަހު ޗެލްސީގެ ކޯޗުގެ ގޮތުގައި ހުރި އެންޒޯ މަރެސްކާ މަގާމުން ވަކިވުމާއިއެކު އެ މަގާމަށް އައުން އެންމެ ގާތީ ރޮޒީނިއާ ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ. އަދި ޕްރިމިއާ ލީގުގައި ބުދަ ދުވަހު ފުލަމް އާއި ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގައި އޭނާ ހުންނާނީ މެޗު ބެލުމަށެވެ. އެއަށްފަހު ރަސްމީ ކޮށް ޗެލްސީގެ ޓްރެއިނިނިންތައް ރޮޒީނިއާ ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ޗެލްސީގެ ކޯޗު ކަމާއި ހަވާލުވުމަށްފަހު ރޮޒީނިއާ ބުނެފައިވަނީ މިއީ އޭނާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"މިއީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް އަދި އެކަމާ ވަރަށް ބޮޑަށް އުފާ ކުރަން. މި މަގާމު އަހަރެންނަށް ދިނުމުގައި ބައިވެރިވި ހުރިހާ ފަރާތަކަށް ޝުކުރުވެރިވަން. އަދި އަހަރެންގެ ހުރިހާވެސް ވިސްނުމަކާއި މަސައްކަތެއް ކުރިއަށް ގެންދާނީ މި ކްލަބަށް ކާމިޔާބީ ހޯދައިދިނުމަށް." ރޮޒީނިއާ ބުންޏެވެ.
ރޮޒީނިއާ ކޯޗު ކޮށްދެމުންދާ ސްޓްރޯސްބާރގަކީވެސް ޗެލްސީގެ ވެރިޔާ ޓޮޑް ބޮއެލީ އާއި ކްލިއަލޭކް ކެޕިޓަލްގެ ދަށުގައިވާ ކްލަބެކެވެ.
ރޮޒީނިއާ އާއިއެކު ސްޓްރޯސްބަރގް ގައި މަސައްކަތްކުރި ކޯޗިން ޓީމުގެ ބައެއް މެމްބަރުން އޭނާ އާއިއެކު ޗެލްސީ އާއި ގުޅޭނެ އެވެ.