ޗެލްސީގެ ކޯޗަކަށް ވުމަށްޓަކައި ބާއްވާ އިންޓަވިއު އަށް އިނގިރޭސި ޒުވާން ކޯޗު ލިއަމް ރޮޒީނިއާ އިނގިރޭސިވިލާތުގެ ލަންޑަނަށް ހިނގައްޖެ އެވެ.
އޭނާ މި ވަގުތު ކޯޗުކޮށްދެމުން ދަނީ ފްރާންސްގެ ސްޓަރާސްބޯގަށެވެ. މި ކުލަބަކީ ޗެލްސީގެ މިހާރުގެ މެނޭޖްމަންޓްގެ ހިއްސާ އޮންނަ ކުލަބެކެވެ. ޗެލްސީން ކޯޗު ބޭނުންވުމުން ސްޓަރާސްބޯގް އިން މިހާރު ވަނީ އޭނާގެ ބަދަލުގައި އައު ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.
އުމުރުން 41 އަހަރުގެ ރޮޒީނިއާ އަށް ޗެލްސީގެ ކޯޗުކަން ދޭނެ ކަމަށް މިހާރު ގާތްގަނޑަކަށް އެންމެހެން ތިބީ ޔަގީންކޮށްގެންނެވެ. ސަބަބަކީ އެ ކުލަބާ މިވަގުތު ހަވާލުވާނެ ތަޖުރިބާކާރު އަދި ހައި ޕްރޮފައިލް ކޯޗަކު ނުވާނެތީ އެވެ. އޭގެ ސަބަބަކީ އަވަސް އަވަހަށް ކޯޗުން ބަދަލު ކުރުމެވެ.
ސީޒަނުގެ މެދުތެރެއިން ޗެލްސީގެ ކޯޗުކަން ހުސްވީ ފާއިތުވެދިޔަ 18 މަސް ދުވަހު އެ މަގާމު ހުރި އިޓަލީގެ ކޯޗު އެންޒޯ މަރެސްކާ މަގާމު ދޫކޮށްލުމުންނެވެ. ސަބަބަކަށްވީ އޭނާގެ ހިޔާލާއި މަޝްވަރާ ނެތި މެނޭޖްމަންޓުން ޓީމުގެ ކަންކަން ނިންމުމެވެ. މަރެސްކާ ވަނީގެ ކޯޗުކަމުގައި ޗެލްސީ އަށް މިދިޔަ ސީޒަނުގެ ޔޫއޭފާ ކޮންފަރެންސް ލީގާއި ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްދީފަ އެވެ. ނަމަވެސް ގަދަ ޓީމުތަކާ ވާދަކުރަން މޮޅު ކުޅުންތެރިން ނުގެންނާތީވެ އޭނާ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
ރޮޒީނިއާ އަށް ޗެލްސީން ޝައުގުވެރިވާ އެންމެ މުހިންމު އެއް ސަބަބަކީ ވެސް އޭނާ އަކީ ޒުވާން ކޯޗަކަށްވުމާއި ޗެލްސީގައި މިހާރު ތިބި ޒުވާން ކުޅުންތެރިންނާއެކު ކުރިއަށް ދެވޭނީ ޒުވާން ކޯޗަކަށް ކަމަށް ފެންނާތީ އެވެ.
ސްޓަރާސްބޯގަށް ކޯޗުކޮށްދިނުމުގެ ކުރިން އޭނާ ވަނީ އިނގިރޭސިވިލާތުގެ ޑާބީ ކައުންޓީ އާއި ހަލް ސިޓީ އަށް ވެސް ކޯޗުކޮށްދީފަ އެވެ.