ހުޅުމާލޭގައި ފިހާރަފަދަ ތަންތަން ހިންގުމަށް ހިފާފައިވާ ބިންތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޙަބީބު ބޭންކުގެ ހުޅުމާލެ ބްރާންޗް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ސަޢީދު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެކަނިވެސް ވިޔަފާރިކުރުމަށް 60،000 އަކަފޫޓްގެ ބިން ކުއްޔަށް ހިފާފައިވާ ކަމަށެވެ. އަދި 2004 ން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ހުޅުމާލެއިން ވިޔަފާރީގެ ބޭނުމަށް ކުއްޔަށް ހިފާފައިވަނީ 30،000 އަކަފޫޓް ކަމަށާއި މިޢަދަދަކީ ދުނިޔޭގެ އެހެން ބޮޑެތި ޤައުމުތަކުގެ ސިޓީތަކާ އަޅާ ބަލާއިރު ކުޑަ އަދަދެއްކަމުގައި ވިޔަސް މިކަމުން ދައްކައިދެނީ ތަރައްޤީވަމުން އަންނަ ނިސްބަތް ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ހުޅުމާލެ ތަރައްޤީ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި އަދި ރާއްޖޭގެ ތަރައްޤީއަށްވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.