ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފަރ ބާޒާރުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ސްކޮޑަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.
ތާވަލުގެ 16 ވަނައިގައި އޮތް ލީޑްސް އާއި ދެކޮޅަށް އާދީއްތަ ދުވަހު ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަމޮރިމް ބުނެފައިވަނީ ސްކޮޑަށް ބަދަލު ގެނައުމާއި ގުޅޭ ގޮތުން އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އަދި އެކަމާއި ގުޅޭ ގޮތުން މަޝްވަރާވެސް ކޮށްފައިނުވާނެ ކަމަށެވެ.
"ސްކޮޑުގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކު ދާން ބޭނުންވާ ކަމުގެ އެއްވެސް މައުލޫމާތެއް ނެތް އެހެންކަމުން އިތުރު ކުޅުންތެރިއަކު ހޯދުމުގެ ވިސްނުމެއްވެސް ނެތް. އަދި އެއްވެސް ކުޅުންތެރިއަކު ޓީމު ދޫކޮށް ދާން އެދިފައެއް ވެސް ނެތް." އަމޮރިމް ބުންޏެވެ.
ޕްރިމިއާ ލީގުގެ ހަވަނައިގައި މިވަގުތު އޮތް ޔުނައިޓެޑް އިން ލީޑްސް އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ އެ ޓީމަށް ތާވަލުގެ ފަސްވަނަ މަގާމް ލިބިގެންދާނެ އެވެ.
އަނިޔާގެ ސަބަބުން ޑިފެންޑަރ ހެރީ މެގުއާ އާއި މެތީސް ޑިލިޓް އަށް އަނިޔާވެފައިވާއިރު އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އަށް ވެސް ވަނީ އަނިޔާގެ މަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހިފަ އެވެ.
އަމޮރިމް އިތުރަށް ބުނެފައިވަނީ ލީޑްސް އާއި ދެކޮޅަށް ކުޅޭއިރު މިއިން ކުޅުންތެރިއަކު އެއްކޮށް ފިޓްވާނެކަމަށް ގަބޫލުނުކުރެވޭ ކަމަށާއި ނަމަވެސް މިއަދު ބާއްވާ ފަރިތަކުރުންތަކަށްފަހު ގޮތެއް ނިންމާނެ ކަމަށެވެ.
މިދިޔަ ހަފްތާގައި ތާވަލުގެ ފުލުގައި އޮތް ވޮލްވްސް އާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު, އެކަޑެމީގެ ޒުވާން ކުޅުންތެރިންނަށް ކުރިއަށް ހުރި މެޗުތަކުގައި ފުރުސަތު ދޭނެ ކަމުގެ އިޝާރާތެއް އަމޮރިމް ވަނީ ދީފަ އެވެ.