އެމެރިކާގެ ރައީސް ބަރަކް އޮބާމާ ލާއޮސްއަށް ވަޑައިގެންފިއެވެ.
ރައީސް އޮބާމާ ލާއޮސްއަށް ވަޑައިގެންނެވީ އާސިއާން ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށެވެ. އޮބާމާ ލާއޮސްއަށް ވަޑައިގަތުމުން އެޤައުމުގެ ރައީސް ބުންޔަންގ ވޮރަޗިތް ވަނީ އޮބާމާއަށް މަރުޙަބާ ވިދާޅުވެފައެވެ. މިއީ އެމެރިކާގެ ރައީސަކު ވެރިކަމުގައި ހުންނަވައި ލާއޮސްއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އެމެރިކާއިން ވިއެޓްނާމް ހަނގުރާމައިގެ ދުވަސްވަރު ލާއޮސްގެ އެކި ސަރަޙައްދުތަކަށް ދެ މިލިއަން ޓަނުގެ ބަރުދަން ހުރި ބޮން އަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާއިން ލާއޮސްއަށް އެޅި މި ބޮންތަކުގެ ތެރެއިން 30 އިންސައްތައެއްހާ ބޮން ގޮވާފައިނުވާ ކަމަށް ލަފާކުރެވޭއިރު، އެމެރިކާއިން މިހާރު ވަނީ މި ބޮންތައް އެތަންތަނުން ނަގައި ރައްކާތެރިކަމާއެކު ނައްތާލުމަށް އެޤައުމަށް އެހީވުމުގެ ގޮތުން ކުރިޔަށްއޮތް 3 އަހަރު ތެރޭ 90 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރާނެކަން ހާމަކޮށްފައެވެ.