ކުލަބު އީގަލްސްގެ ކޯޗު ޢަބްދުﷲ ހަނީފް (ބެންޖޯ) ގެ ތައުރީފް އޮޑީގެ ކުޅުންތެރިންނަށް އޮއްސާލައިފިއެވެ.
ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް އީގަލްސް އިން އޮޑި ސްޕޯޓްސް ކްލަބް 2-0 ގެ ނަތީޖާއަކުން ބަލިކުރި މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ހަނީފް ބުނީ އޮޑި ސްޕޯޓްސް ކުލަބަކީ މިހާރު ލީގުގައި އޮތް އެންމެ ރަނގަޅު އެއް ޓީމުކަމަށެވެ. އެޓީމަކީ ވަރަށް އޯގަނައިޒްކޮށް ކުޅޭ ޓީމެއްކަމަށާއި، ޓީމުގެ ކޯޗަކީ ވަރަށް މޮޅު ކޯޗެއްކަމަށެވެ. އެހެންކަމުން އޮޑިއާއި ދެކޮޅަށް އަބަދުވެސް ނުކުންނަނީ އެކަންކަމަށް ވިސްނައިގެންކަމަށާއި، އޮޑިއާއި ވާދަކުރުމަކީ ފަސޭހަކަމެއް ނޫންކަމަށް ހަނީފްވަނީ ބުނެފައެވެ.
"އޮޑިއަކީ މިހާރު ލީގުގައި އޮތް އެންމެ އޯގަނައިޒްކޮށް ކުޅޭ އެއް ޓީމު. ވަރަށް ބޮޑު ޕްލޭނަކާއި ވަރަށް ރަނގަޅު ކޯޗަކާއި އެކު އެމީހުން މަސައްކަތްކުރަނީ. އެހެންވީމަ އެ ޕްލޭނަށް ވަރަށް ބޮޑަށް ބަލާފަ، އެ ޕްލޭންއަށް ބޭސްކޮށްފަ ގޭމް ރާވާފަ އިންނާނީ" ހަނީފް ބުންޏެވެ.
ހަނީފް ބުނީ ލީގުގެ ހުރިހާ މެޗަކަށްވެސް އީގަލްސްއިން ނުކުންނާނީ މޮޅުވުމުގެ ރޫހުގަކަމަށެވެ. ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު ބުރުން އީގަލްސް ބަލިކުރި މެޗަށް އިޝާރާތްކުރަމުން ހަނީފް ބުނީ އެދުވަހު ދިމާވި އެންމެ ބޮޑު ދައްޗަކީ ދަނޑު ސަކަރާތްވުމުގެ މައްސަލަކަމަށެވެ.
"ހަމަ ހުރިހާ މެޗަކަށްވެސް އީގަލްސް މި ނުކުންނަނީ މޮޅުވާން. ދެން ކުރީ ދުވަހު ހަމަ ބޮޑަށް ދަނޑު ސަކަރާތްވުމާއި މިހުރިހާ ކަމަކާއި އެކު ދިޔައީ" ހަނީފް ބުނެފަވެއެވެ.
ލީގުގައި ކުޅުނު 12 މެޗުން 16 ޕޮއިންޓް ހޯދާފައިވާ އީގަލްސްއިން ކޮންމެ މެޗަކަށްވެސް ނުކުންނަނީ ވަރަށް ތައްޔާރުވެގެންކަމަށް ކޯޗު ބުންޏެވެ. މިމަހުގެ 5 ވަނަ ދުވަހު ޓީސީއާއި ދެކޮޅަށް ކުޅޭ މެޗަށްވެސް ނުކުންނާނީ އެރޫހުގައި ކަމަށާއި ޓީސީއަކީވެސް ވަރުގަދަ ޓީމެއްކަމަށް ހަނީފްވަނީ ބުނެފައެވެ.
"އެވެސް ހަމަ ފައިޓްކުރާ އެއް ޓީމު މައްޗަށް އަރަން. އެހެންވީމަ އީގަލްސް ނުކުންނާނީ ކުރިން ބުނިހެން މޮޅުވުމުގެ އަޒުމުގައި" ކުރިއަށް އޮތް މެޗަށް އިޝާރާތްކުރަމުން ހަނީފް ބުންޏެވެ.
ލީގުގަ އީގަލްސްއިން 6 ވަނައިގަ އޮތް އިރު ޓީސީ މިވަގު އޮތީ ކުޅުނު 11 މެޗުގެ ތެރެއިން 7 މެޗުން ބަލިވެ. 3 މެޗުން އެއްވަރުވެ އެއް މެޗުން ހޯދި މޮޅާއިއެކު ތާވަލުގެ ފުލުގައެވެ.