ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވަޑް ކީލިއަން އެމްބާޕޭ ތިން ހަފުތާ ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ފްރާންސްގެ ނޫސްތަކުން ބުނަން ފަށައިފި އެވެ.
އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާ އަކަށް ފަރުވާ ހޯދަން ޖެހޭކަން ރެއާލް މެޑްރިޑުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ފްރާންސްގެ ކެޕްޓަން ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ ކިހާ މުއްދަތަކަށް ކަމެއް ކުލަބުން ނުބުނެ އެވެ.
އެމްބާޕޭގެ ކަކުލުގައި ތަދެއް ހުރެގެން އެކަމުގެ އުނދަގޫތަކާ ކުރިމަތިލާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެންމެ ފަހުން ހޯމަ ދުވަހު ހެދި އެމްއާރުއައި ރިޕޯޓުން ދައްކާ ގޮތުގައި އޭނާގެ ލިގަމެންޓްގެ ތަދު ރަނގަޅު ކުރަން އޮޕަރޭޝަން ކުރަން ޖެހެ އެވެ.
އެމްބާޕޭ ކުޅުމާ ދުރުގައި ހުންނަން މި ޖެހުނީ ވަރަށް ރަނގަޅު ފޯމެއްގައި ހުއްޓަ އެވެ. އޭނާ ވަނީ 2025 ވަނަ އަހަރު ރެއާލް މެޑްރިޑަށް 59 ގޯލު ޖަހައިދީފަ އެވެ. އަދި ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެ ކީހުން ހިއްސާ ކުރާ މި ރެކޯޑް މުގުރާލަން އޭނާ ހުރީ ތައްޔާރުވެގެންނެވެ.
ފްރާންސްގެ ޕީއެސްޖީން 2024 ވަނަ އަހަރު ރެއާލްއަށް ބަދަލުވި ފޯވަޑް ވަނީ މިސީޒަނުގައި މިހާތަނަށް 29 ގޯލު ޖަހައިފަ އެވެ. މީގެ ތެރޭގައި ސްޕެނިޝް ލީގުގައި ޖެހި 18 ގޯލު ވެސް ހިމެނެ އެވެ. ސްޕެނިޝް ލީގުގައި ރެއާލް އެންމެ އަވަހަށް ކުޅޭނީ އާދިއްތަ ދުވަހު ރެއާލް ބެޓިސްއާ ދެކޮޅަށެވެ. މި މެޗުގައި އެމްބާޕޭ ނުފެންނާނެ އެވެ.