ޚަބަރު

ސަރުކާރުގެ ޕްރޮގްރާމްތަކާއެކު އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުވެ، މާލީ ބުރައަށް ލުޔެއް


  • މިއީ ރައްޔިތުންގެ އަޑުއައްސަވައިގެން ރައީސް ގެނެސްދެއްވި ހެޔޮ ބަދަލެއްކަމަށް ވަޒީރު ވިދާޅުވި

  • ޝާމިލް ނަޒަރިއްޔާއަކުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރާނެކަމަށް ވިދާޅުވި

ސަރުކާރުން މިއަަދު އިފްތިތާހުކުރެއްވި އިޖުތިމާޢީ ރައްކާތެރިކަމާއި ގުޅުންހުރި ޕްރޮގްރާމްތަކުގެ ސަބަބުން ރައްޔިތުންނަށް އިޖްތިމާޢީ އަދި މާލީ ގޮތުން އެތައް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އިޖުތިމާޢީ ރައްކާތެރިކަމާއި ޞިއްޙީ ދާއިރާއިން ފޯރުކޮށްދޭ މުހިއްމު 5 ޕްރޮގްރާމެއް ރަސްމީކޮށް މިއަދު ވަނީ އިފްތިތާހުކޮށްފައެވެ.

މި ޕްރޮގްރާމްތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް ދެއްކެވި ވާހަކަފުޅުގައި މުޖުތަމައެއް ތަހުޒީބުވެފައިވާ މިންވަރު ވަޒަންކުރެވޭ އެއް މިންގަޑަކީ އެ މުޖުތަަމައެއްގައި އެންމެ ނިކަމެތި އަދި އެންމެ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަޅާލެވޭ މިންވަރުކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައީސްގެ އޯގާތެރި މުޖުތަމައެއް ބިނާކުރުމުގެ ތަސައްވުރު ބިނާކުރެވިފައިވަނީ އެ އަސާސްގެ މައްޗަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ގައުމުގެ އާބާދީގެ ތެރެއިން ނާޒުކު ހާލަތަައް އެއްވެސް އާއިލާއެއް ނުވަތަ ވަކި ފަރުދެއް ވެއްޓިގެންދާހިނދު އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ސަރުކާރުގެ އެހީތެރިިކަމުގެ އަތް ދިއްކޮށްލެވޭ. އެއީ އެބައެއްގެ އަބުރުވެރި ދިރިއުޅުން ކަށަވަރުކޮށް މުޖުތަމައުގެ މުހިންމު ބައިވެރިންގެ ގޮތުގައި ހެދުމަށްޓަކައި." ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިއަދު އިފްތިތާހުކުރެވުނު ޕްރޮގްރާމްތަކަކީ ރައްޔިތުންގެ އަޑުއައްސަވައިގެން، އެ ރައްޔިތުންގެ ބޭނުންތަކަށް ތަސައްލީއެއް ހޯދައިދެއްވުމަށް ރައީސް ގެނެސްދެއްވި ހެޔޮ ބަދަލެއް ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން އެތަކެއް ދިވެހި އާއިލާތަކަކަށް މާލީ އަދި އިޖުތިމާޢީ ރައްކާތެރިކަން ލިބިގެންދާނެކަމަށާއި، މީގެ ސަބަބުން މުސްތަގުބަލުގައި އެއްބައިވަންތަ އަދި ކުލުނުވެރި ގައުމެއް ބިނާކުރުމުގެ ބިންގާ ވަރުގަދަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ބަދަލުކުރެވިގެން އިފްތިތާހުކުރެވިގެންދާ މިޕްރޮގްރާމްތަކާއެކު ރައްޔިތުންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ. މިއީ ރައްޔިތުންގެ އަޑުއައްސަވާ ރައްޔިތުންގެ ބޭނުންތަކަށް ތަސައްލީއެއް ހޯދައިދެއްވުމަށްޓަކައި ރައީސް ގެނެސްދެއްވާ ހެޔޮ ބަދަލެއް. މި ބަދަލުތަކާއިއެކު އެތަކެއް ދިވެހީން އޭގެ މަންފާ ހޯދާނެކަން ޔަގީން." ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

ފަގީރު ހާލަތުގައި ދިރިއުޅޭ ރައްޔިތުންނާއި، އެކަނިވެރި މައިންނާއި ބަފައިން، އަދި އަޅާލާނެ ފަރާތެއް ނެތް އާއިލާތަކަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރެވިފައިވަނީ ހަމައެކަނި އާމްދަނީގެ ފަގީރުކަން ނައްތާލުމަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ޝާމިލް ނަޒަރިއްޔާއަކުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ރޭވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްކަމަށެވެ.