މިފެށޭ އަހަރަކީ ސިއްޙީ ދާއިރާއިން ކުރިއަށްގެންދިޔުމަށް ރާވާފައިވާ ގިނަ މަސައްކަތްތަކެއް ތަންފީޒުކުރަން ފައްޓަވާނެ އަހަރެއްކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެެވެ.
ވަޒިރު މިފަދައިން ވިދާޅުވީ އާ އަހަރާއި ދިމާކޮށް އެންސްޕާއިން ފަށާ މުހިއްމު ޕްރޮގްރާމްތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ސިއްހީ ވަޒިރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި ހިންގާ އިޖުތިމާޢި ރައްކާތެރިކަމުގެ އެންމެ ބޮޑު ޕްރޮގްރާމަކީ އެންސްޕާ އަދި އާސަންދެއިން ދެމުންދާ ޚިދުމަތްތައްކަމަށެވެ. އެއީ ސިއްޙީ ޚިދުމަތް ލިބިގަތުމުގައި ރައްޔިތުންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުންކަމަށާއި އެ ނިޒާމަށް އިތުރުކުރެވޭ ކޮންމެ ޚިދުމަތަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ލުޔެއް ލިބިގެންދާނެކަމެއްކަން ވަޒީރު ވިދާޅުވިއެވެ. ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާއެކު ބާއްވާ ބައްދަލުކުރެއްވުންތަކުގައި ރައްޔިތުން ހުށަހަޅާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާ ލުއި ހޯއްދަވައިދެއްވަމުން ގެންދަވާކަންވެސް ފާހަގަކުރައްވާފައެވެ.
"ރައްޔިތުންނާ ގާތުން އޯގާތެރި ވެރިކަމެއް ކުރުމަށްޓަކައި ރައީސްޑރ. މުހައްމަދު މުޢިއްޒު އެކަށައަޅުއްވާ ތަންފީޒް ކުރައްވަމުން ގެންދަވާ ސިޔާސަތައް މިއަދު ތަޢަރަފްކުރާ ކަންކަމުން އިތުރު ކުރިއެރުން ލިބިގެންދާނެ. މިއިން ކޮންމެ ކަމަކީ ރައްޔިތުންގެ ސިއްޙީ ޚިދުމަތް ފުޅާކޮށް ލުއިފަސޭހަ ކުރުމަށް އެޑްމިނިސްޓްރޭޝަނުން ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒްވަމުންދާކަމުގެ ހެއްކެއްކަމަށް. ޚާއްސަކޯށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެޑްމިނިސްޓްރޭޝަންގެ ސިއްޙީ ސިޔާސަތުގެ މައިގަނޑު 2 އަސާސްކަމުގައިވާ އެންމެނަށް ސިއްޙީ ފަރުވާ ކަށަވަރުކޮށްދިނުމާއި އެންމެ ބޭނުންވާ މީހާއަށް ފަރުވާ ލިބޭނެކަން ކަށަވަރު ކޮށްދިނުމަށް ކުރެވޭ މުހިއްމު މަސައްކަތުގެ އެއް ބޮޅު." ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރުގެ ސިއްޙީ ސިޔާސަތުގައި 2026ވަނަ އަހަރުގެ މަސައްކަތް ފަށަނީ އައު އަހަރަކަށް މަރުޙަބާ ކިޔަމުންކަމަށާއި މިފެށޭ އަހަރު ސިއްޙީ ދާއިރާއިން ރާވާފައި ހުރި ގިނަކަންކަން ތަންފީޒް ކުރަމުންދާނެކަމަށެވެ. ވަޒީރު ވަނީ ކޮންމެ ރައްޔިތަކުވެސް އައު އަހަރަށް އައު އުންމީދެއް ކަނޑައަޅާއިރު ސަރުކާރުންވެސް އައު އަޒުމްތަކެއް ކަނޑައަޅަމުންދާކަންވެސް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވަޒީރު ނާޘިމް ވަނީ ކޮންމެ ރައްޔިތަކުވެސް އާ އަހަރެއްގެ އުންމީދެއްގެ ގޮތުގައި ސިއްޙަތުގެ ބައެއް މައިގަނޑު ސިޔާސަތުތައް އެކަށައެޅުއްވުމަށް އިލްތިމާސްކުރެއްވިއެވެ. ވަޒީރުގެ ވާހަކައިގައި ވަނީ ސިއްހީ ޚިދުމަތް ތަރައްޤީ ކުރުމާއި ސޯޝަލް ޕްރޮޓަކްޝަންގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމާއި ހުރިހާ ކަމަކާ ގުޅި ލާމެހިފައިވާ ސިޔާސަތަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތުކަމަށެވެ. ޚާއްސަކޮށް ބަލިތަކުން ރައްކާތެރިވެ ތިބުމަށް ޤާނޫނީ އިމުގެ ތެރެއިންނާއި އިޖުތިމާއީ މިންގަނޑުގެ ތެރެއިން ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.