ބަނގުރާ އުފައްދައި، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން 5 މީހުން ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މައްޗައްގޯޅި ގެއެއް ބަލައިފާސްކޮށް 5 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
އެ ގެ ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިޔާގެ 5 މީހުންނެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ޕެރިޔައާއި، 43 އަހަރުގެ ސަރަވަނާން ސުބާއިހް އާއި 53 އަހަރުގެ ސިތްރިމަން ގަނިސަންގެ އިތުރުން 37 އަހަރުގެ ރަވިންދުރަ ކުމާރުއާއި 47 އަހަރުގެ ރާޖާ ރަމަލިންގަމް އެވެ. ހައްޔަރުކޮށްފައިވާ 5 މީހުން ޑީޕޯޓްކުރުމަށް މިހާރުވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.