ޗައިނާއާއެކު ރާއްޖެއިން އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުގައި ދިވެހި ވިޔަފާރިވެރިންނަށް ގިނަ ފުރުޞަތުތަކެއް އެބަހުރިކަމަށާއި އެއްބަސްވުމުގެ ބޭނުން ފުރިހަމައަށް ހިފުމަށް ދެޤައުމުގެ ވިޔަފާރިވެރިންގެ ގުޅުން ބަދަހިކުރުން މުޙިއްމު ކަމަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަަޒީލް ނަޖީބު ވިދާޅުވިއެވެ.
ސަފީރު މިހެން ވިދާޅުވީ، ޗައިނާއާއެކު ރާއްޖެއިން އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަަޒީލް ނަޖީބު ވިދާޅުވީ، ރާއްޖެއާ ޗައިނާ ސަރުކާރާއި ދެމެދުގައި ވަރަށް ބަދަހި އަދި ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އަދި މިފަދަ ގުޅުމެއް ރާއްޖޭގެ ޕްރައިވެޓް ސެކްޓަރާއި ޗައިނާގެ ޕްރައިވެޓް ސެކްޓަރާ ދެމެދު ގާއިމުކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށާއި، މި ގުޅުން ގާއިމުކުރެވިއްޖެނަމަ ދިވެހިރާއްޖެއަށް ވިޔަފާރީގެ ދާއިރާއިން ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރަންވީ ކަމަކީ އަޅުގަނޑުމެން ދިވެހި ވިޔަފާރިވެރިން އެއްބަސްކިޔާފަ ދިވެހި ވިޔަފާރިވެރިންނާ ގުޅެންވީ. ގުޅިގެން ޗައިނާގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ރާއްޖެއަށް ގެންނަންވީ. ފޮރިން ޑައިރެކްޓް އިންވެސްމެންޓް ގެންނަކަމުގައިވާނަމަ ޕްރައިވެޓް ސެކްޓަރަށް ވަރަށް ބޮޑު ފައިދާއެއް އަސްލު ހަގީގަތުގައި ކުރާނެ." ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު ޑރ. ފަަޒީލް ނަޖީބު ވިދާޅުވިއެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުވެސް އަދާކުރައްވާފައިވާ އިގްތިސާދީ ތަޖުރިބާކާރެއްކަމަށްވާ ޑރ. ފަަޒީލް ވިދާޅުވީ، ޗައިނާއަކީ ޚިދުމަތުގެ ވިޔަފާރީގެ ދާއިރާއިން ނުވަތަ ސަރވިސް އިންޑަސްޓްރީ ވަރަށް ބޮޑު ފައިދާއެއް ނެގެން އޮތް ދާއިރާއެއް ކަމަށެވެ. އެހެންކަމުން ޗައިނާއާއެކު ރާއްޖެއިން އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ބޭނުން ވަރަށް ބޮޑަށް ހިފަންޖެހޭ ކަމަށާއި، މި އެއްބަސްވުމުގެ ބޭނުން ފުރިހަމަގޮތުގައި ހިފައިފިނަމަ ވިޔަފާރީގެ ދާއިރާއިން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވޭނެ ކަމަށް ފަޒީލް ނަޖީބް ވިދާޅުވިއެވެ.
"މިސާލަކަށް އެގްރިކަލްޗަރ ޕްރޮޑަކްޓްސް އަޅުގަނޑުމެންނަށް އިމްޕޯޓުވެސް ކުރެވިދާނެ. ނުވަތަ ޗައިނާގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަޅުގަނޑުމެންނަށް އެ މުދާތައް އުފެއްދިވެސްދާނެ. ރާއްޖޭގަ އެބޮތް ވަރަށް ބޮޑު އިތުރު މާކެޓެއްވެސް. އެއީ ރާއްޖޭގެ ވޯލްޑް ކްލާސް ޓޫރިޒަމް. އެއީ ރެޑީ މާކެޓެއް. އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ." ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު ޑރ. ފަަޒީލް ނަޖީބު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓަށް އެކްސްޕޯޓްކުރުމަށް މަގުފަހިވެ ދިވެހި މަސްވެރިންނަށް ޑިއުޓީއެއް ދައްކަން ނުޖެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރެވޭނެ މަގު ފަހިވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބޭރު ފައިސާ ލިބުމުގެ ފުރުސަތުވެސް ވަރަށް ބޮޑަށް ފަހިވެގެންގޮސްފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.
ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަމުންދާއިރު، މީގެ ސަބަބުން ދިވެހިރާއްޖޭގައި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ޗައިނާގެ މާކެޓަށް ވާސިލްވެވި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު މިވަނީ ފަހިވެގެންގޮސްފައެވެ. އަދި މި އެއްބަސްވުމާއިއެކު ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް މަގުފަހިވެ ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުވެގެންގޮސްފައިވެއެވެ.