ޚަބަރު

ޚާލިދާ ޒިޔާގެ ޖަނާޒާގައި ރައީސްގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ވަޒީރު ޑރ.ޙައިދަރު


  • ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވީ މިއަދު

  • މި ދަތުރުފުޅުގައި ޚާލިދާ ޒިޔާގެ ޢާއިލާގެ މެމްބަރުންނާއި ބައްދަލުކުރައްވާނެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބާއްވާ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު، ބައިވެރިވެވަޑައިގަންނަވާގޮތަށް ރައީސުލްޖުމުހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ މިއަދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، ބަނގްލަދޭޝްގެ ރައްޔިތުންނަށާއި މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި، ޑރ. ޢަލީ ޙައިދަރު އަޙްމަދު، ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ބަނގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ، ޑރ. މުޙައްމަދު ޔޫނުސާއި ބޭގަމް ޚާލިދާ ޒިޔާގެ ޢާއިލާގެ މެމްބަރުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތަޢުޒިޔާ ދެންނެވުމަށް ވަނީ ހަމަޖެހިފައެވެ.