މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރާ ސިނަމާ ކޮމްޕްލެކްސް އައްޑޫ އަދި ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ
ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޒުވާނުން ބާރުވެރި ކުރުވުމާއި، މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ، މުނިފޫހިފިލުވުމުގެ ދާއިރާ ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ފިލްމު އެޅުވުމަށް ޒަމާނީ ސިނަމާ ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އިބްރާހިމް ވަޙީދު ވިދާޅުވީ، ހުޅުމާލޭގައި ޒަމާނީ ސިނަމާ ކޮމްޕްލެކްސް އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމަށް އެޗްޑީސީއާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެހެންކަމުން ލަސްތަކެއްނުވެ އެމަސައްކަތްވެސް އަންނަ އަހަރު ފަށާ ގަނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
" އެއްފަހަރަކާއި ނޫން 4 ފިލްމު ބަލަނީ. 4 ސްކްރީނުގައި 4 ތަނުގައި އިންނާނީ. 4 ރައްޓެހިން މިދަނީ. އެކަކު ބޭނުންވަނީ އެކްޝަން ފިލްމްއެއް ބަލަން. އަނެކަކު ބޭނުންވަނީ، ތަންކޮޅެއް ކޮމެޑީ ފިލްމެއް ބަލަން. އެކި ވައްތަރު ފިލްމު ބަލަން ބޭނުންވާނަމަ އެ ފުރުސަތުތަކޭ މި ހުޅުވާލަނީ. 4 ސްކްރީން ހުންނާނެ. އޭގެ ތެރެއިން އެއް ސްކްރީން ޚާއްޞަ ކުރާނަން ދިވެހި ފިލްމު އެޅުވުމަށް" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި ސިނަމާ ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. ފިލްމު އުފައްދާ ފަރާތްތަކަށް އަތޮޅުތަކުގައި ފިލްމު އެޅުވުމަށް ދަތިތަކާއި ކުރިމަތިވާންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ފިލްމު އެޅުވުމަށް ބޮޑެތި ސިޓީތަކުގައި ސިނަމާތައް ހުރުން މުހިންމު ކަމަށެވެ. ކުޅުދުއްފުށީގައި ވަރަށް އަވަހަށް އެމަސައްކަތް ފަށައި ނިންމާލެވޭނެ ކަމަށާއި، އޭގެ ކަރުދާހުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން އައްޑޫސިޓީގައި ޤާއިމް ކުރާ ސިނަމާ ކޮމްޕްލެކްސްގެ މަސައްކަތް ނިމުމުން އެތަންވެސް ބޭނުންކުރަން ފެށޭނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސިނަމާ ހެދުމަށް ގިނަ ތަންތަން ފާހަގަކުރެވިފައިވާއިރު، މާލޭގެ އިތުރުން އުތުރާއި ދެކުނުގައި ފިލްމު އެޅުވޭނެ ފުރިހަމަ އިންތިޒާމުތަކެއް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އަންނަ އަހަރު އެމަސައްކަތް ފަށައި ނިންމާނެ ކަމަށްވެސް ޒުވާނުން ބާރުވެރި ކުރުވުމާއި، މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
ރާއްޖޭގައި ރަނގަޅު ފެންވަރުގެ ސިނަމާތަކެއް ތަރައްޤީ ކުރަން ސަރުކާރުން ނިންމާފައިވާއިރު، މިހާރު ސިނަމާއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ އޮލިމްޕަހުގައި އެއް ވަގުތެއްގައި ދެއްކެނީ އެންމެ ފިލްމެކެވެ. ކޮވިޑަށް ބަންދު ކުރުމަށްފަހު، މިތަނަށް ޒަމާނީ ބަދަލުތަކެއް ގެނެވި 2023 ވަނަ އަހަރު އަލުން ހުޅުވިއެވެ. އޮލިމްޕަހަކީ، ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ މީހުނަށް ވަދެވޭ ސިނަމާއެވެ. އޮލިމްޕަހުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ފިލްމް އަޅުވަން ފެށީ 1957 އިން ފެށިގެންނެވެ.