ކުޅިވަރު

އެފްރިކާ ކަޕުގައި ފޯރިއެއްނެތް: ދެކުނު އެފްރިކާ ކޯޗު


މޮރޮކޯގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގައި ފޯރިއެއް ނެތް ކަމަށް ދެކުނު އެފްރިކާގެ ކޯޗު ހޫގޯ ބްރޫސް ބުނެފި އެވެ.

ބްރޫސް އަކީ މިސުރު ބަލިކޮށް އެފްރިކާ ކަޕް 2017 ވަނަ އަހަރު ކެމަރޫނަށް ހޯދައިން ކޯޗެވެ. އަދި އެހެން ދެ ފަހަރެއްގައި ވެސް މި މުބާރާތުގައި ކޯޗުކޮށްދީފައިވާ ތަޖުރިބާކާރެކެވެ. ނަމަވެސް ބެލްޖިއަމުގެ ކޯޗު ބުނީ ކުރީގެ މުބާރާތްތަކާއި މި ފަހަރު ވަރަށް ތަފާތު ކަމަށެވެ.

"އެހެންޏާ މި މުބާރާތުގައި ފެންނާނެ ސަޕޯޓަރުން ހޭލަމޭލަވެ އުޅޭތަން. އަހަރުމެން ބަހުން ފައިބާ އިރު ވެސް ބަހަށް އަރާއިރު ވެސް މަގުމަތިން ދުއްވާފައިދާއިރު ވެސް ސަޕޯޓަރުން ނުކުމެ ދިދަ ހިފައިގެން ތިބޭތަން ވެސް ފެންނާނެ. އެކަމަކު މި ފަހަރު އެއިން އެއްވެސް ކަމެއް ނެތް. އެ މަންޒަރުތަކެއް ނުފެނެ. މިހެންވެ އަހަރެންނަށް ގަބޫލު ކުރެވެނީ މުބާރާތުގެ ފޯރި ކުޑައޭ،" ބްރޫސް ބުންޏެވެ.

އޭނާ ބުނީ މުބާރާތުގެ ފޯރި ކުޑަވާ ދެ ސަބަބެއް އޮތުން ގާތް ކަމަށެވެ. އެއް ކަމަކީ މުބާރާތް ބާއްވާ މޮރޮކޯގައި ފޯރި ކުޑަވުމާއި ޔޫރަޕުގެ ގަދަ ލީގުތައް ކުޅޭ ދުވަސްވަރަކަށް ވުމުން އޭގެ ހިޔަނި އެޅުން ކަމަށެވެ.

"ދެން އޮތް ސަބަބެއް ކަމަށް އަހަރެންނަށް ގަބޫލު ކުރެވެނީ މުބާރާތުގެ ވާދަވެރިކަން ކުޑައީ. މިހެންވީމާ ސަޕޯޓަރުން ފޫހި ވެދާނެ. އެކަމަކު މިއީ ފޯރި ހުންނަން ޖެހޭނެ މުބާރާތެއް،" ބްރޫސް ބުންޏެވެ.

އޭނާ ބުނީ އެފްރިކާ ކަޕް 2027ގެ ފަހުން ކޮންމެ ހަތަރަކުން އެއް ފަހަރު ބާއްވަން ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.

"ބައެއް ފަހަރު މުބާރާތް މާ އަވަސް އަވަހަށް ބޭއްވުމަކީ ވެސް ފޯރި ކުޑަވާ ސަބަބަކަސް ވެދާނެ. އެހެންވީމާ މުބާރާތް ދެ އަހަރުން ނުބާއްވައި ހަތަރު އަހަރަށް ބަދަލު ކުރުމަކީ ރަނގަޅު ބަދަލެއް،" ކޯޗު ބުންޏެވެ.