އަޝްރަފް ހަކީމީ އަނިޔާ އަށް ފަހު އަލުން ކުޅެން ފެށި މެޗާއެކު ޒެމްބިއާ 3-0އިން ބަލިކޮށް އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް މޮރޮކޯ ދަތުރުކޮށްފި އެވެ.
އަޔޫބް އަލްކާބީ ޖެހި ދެ ގޯލާއި ބްރަހިމް ޑިއާޒް ވައްދާލި ލަނޑުން މޮޅުވި މެޗުގައި މޮރޮކޯ އަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ހަކީމީ ދަނޑުމަތިން ފެނުމެވެ. އޭނާގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން މި މުބާރާތަށް އޭނާ ފިޓްކުރަން މޮރޮކޯގެ ހުރިހާ ވަސީލަތެއް ވަނީ ބޭނުންކޮށްފަ އެވެ.
މި މެޗާއެކު މޮރޮކޯ ދެ ވަނަ ބުރަށް ދަތުރު ކުރުމުން ކޯޗު ވަލީދު ރެގްރާގީ ބުނީ މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
"އަހަރުމެން ކުޅުނީ ވަރަށް ސޮލިޑް ޕްލޭނަކާއެކު. އެ ޕްލޭން މި މެޗުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރި. މިއީ ފަސޭހަ މެޗެއްނޫން. އަހަރުމެންނަކީ މި މުބާރާތުގެ ހޯމް ޓީމް. އެހެންވީމާ ކޮންމެ މެޗެއް ވެސް އަހަރުމެން ކުޅެން ޖެހެނީ ފައިނަލެއް ފަދައިން. އަހަރުމެންގެ ފަހަތުގައި އެތައް ބައިވަރު ސަޕޯޓަރުން އެބަތިބި. މިހެންވެ ހުރިހާ ކުޅުންތެރިން އެ މީހުންގެ ބެސްޓް ދައްކަމުން އެދަނީ،" ކޯޗު ބުންޏެވެ.
މެޗަށް ފަހު އަލްކާބީ ބުނީ ކުރިން ވެސް ޓީމުގެ އަމާޒަކީ މި ގްރޫޕުގެ އެއްވަނަ ހޯދުން ކަމަށެވެ.
"އެކަން ކުރެވިއްޖެނަމަ އަހަރުމެން ތިބެނީ ރަބާތުގައި މެޗުތައް ކުޅެން ތަންތަން ދަތުރުނުކޮށް. މިހާރު މި މުބާރާތް މިއޮތީ އެއްވެސް މިސްޓޭކެއް ހަދަން ނުޖެހޭ ހިސާބަށް އައިސްފައި. މި މެޗަށް ފަހު އަހަރުމެން ކުޑަކޮށް އަރާމުކޮށްފައި ދެން އޮންނަ މެޗަށް ތައްޔާރުވާނަން،" ކާބީ ބުންޏެވެ.
މެޗަށް ފަހު ޒެމްބިއާގެ ކޮޗު މޯސެސް ސިޗޯން ބުނީ މެޗުން ބަލިވާން ދިމާވި މައިގަނޑު ސަބަބަކީ މާބޮޑަށް މޮރޮކޯ ދެކެ ޖެހިލުންވުން ކަމަށެވެ.
މި ނަތީޖާއާއެކު ޒެމްބިއާ ވަނީ ގްރޫޕުގެ ފުލަށް ގޮސް މުބާރާތުން ކަޓައިފަ އެވެ. މޮރޮކޯ ދެ ވަނަ ބުރަށް ދަތުރުކުރި މައިގަނޑު ސަބަބަކީ ގްރޫޕް އޭގައި މާލީ އާއި ކޮމޯރޯސް ކުޅުނު މެޗު 0-0އިން އެއްވަރުމުނެވެ. މޮރޮކޯއާއެކު މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރު ކުރީ ތިން ޕޮއިންޓާއެކު މާލީ އެވެ. އެ ޓީމު ކުޅުނު ތިން މެޗު ވެސް ވީ އެއްވަރެވެ.
ރޭ ކުޅުނު މެޗުތަކަށް ފަހު ގްރޫޕް ބީ ދެ ވަނަ ބުރުގެ ފަހު ޖާގަ ހޯދީ ދެކުނު އެފްރިކާ އެވެ. އެއީ ޒިމްބާބުވޭ 3-2އިން ބަލިކޮށްފަ އެވެ. އެއްވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރުކުރި މިސުރު ރޭ އެއްވަރުވީ އެންގޯލާއާއެކު ވާދަކޮށް 0-0އިންނެވެ.