ޚަބަރު

ރިޓަޔަރ ކުރުމުގެ ވިސްނުމެއް އަދި ނެތް" ޖޮކޮވިޗް


ގްރޭންޑް ސްލޭމް ޗެމްޕިއަންކަން 24 ފަހަރު މަތިން ހޯދާފައިވާ ނޯވަކް ޖޮކޮވިޗް ޓެނިސް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށް ބުނެފި އެވެ.

އުމުރުން 38 އަހަރުގެ ސަރބިޔާއަށް އުފަން ޖޮކޮވިޗް ބުނެފައިވަނީ 2028 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖެލެސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ ކަމަށާއި އަދި އޭގެ ފަހުންވެސް ކުޅުމާއިގެން ކުރިއަށް ދިއުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

"ކުޅުން ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް އަދި ނެތް. 2028 ގެ އޮލިމްޕިކްސް ގައި ކުޅުމަކީ އަހަރެން ދެކެން ބޭނުންވާ ދުވަހެއް އަދި އަހަރެންނަކީ އަބަދުވެސް ކޯޓު މަތީގައި ކުޅެން ހުންނަން ބޭނުންވާ މީހެއް." ދުބާއީގައި ކުރިއަށް ދިޔަ ވޯލްޑް ސްޕޯޓްސް ސަމިޓުގައި ވާހަކަ ދައްކަމުން ޖޮކޮވިޗް ބުންޏެވެ.

ދުނިޔޭގެ ރޭންކިންގެ ހަތަރުވަނަ މަގާމުގައި މިވަގުތު ހުރި ޖޮކޮވިޗް އަށް 2023 ވަނަ އަހަރަށްފަހު ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ފަހަކަށް އައިސް އިޓަލީގެ ޔަނިކް ސިނަރ އާއި ސްޕޭންގެ ކާލޯސް އަލްކަރާޒް ވަނީ ޖޮކޮވިޗް ފަހަތަށް ޖައްސާލާފަ އެވެ.

ޖޮކޮވިޗް އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ޒުވާން މި ދެ ކުޅުންތެރިން ކައިރި އަދިވެސް މޮޅު ކުޅުމެއް ދައްކާ އޭނާ ޓެސްޓް ކުރަން ބޭނުންވާ ކަމަށެވެ.

ދުބާއީ ސްޕޯޓްސް އެވޯޑްސް ގައި ޖޮކޮވިޗް އަށް ވަނީ 2025 ވަނަ އަހަރުގެ ސްޕޯޓްސްމަންގެ އެވޯޑް ލިބިފަ އެވެ.