ޚަބަރު

"ޞިއްޙީ ޚިދުމަތް ކުރިއެރުވުމަށް 2026ގައި ގިނަ މަޝްރޫޢުތަކެއް"


  • ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ވިދާޅުވި

  • އުމްރާނީ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައި

އަތޮޅުތެރޭގައި ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް ކުރިއެރުވުމަށް އަންނަ އަހަރުތެރޭ ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެ ކަަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ނާޘިމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ ޚާއްސަ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޞިއްޙީ ދައިރާއަށް، ބޮޑު އިންސައްތައެއް ކަނޑައަޅާފައިއިރު އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. މިކަމާގޮތުން ވާހަކަދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް ވިދާޅުވީ 2026ވަނަ އަހަރުވެގެންދާނީ ޞިއްޙީގޮތުން ހެޔޮ ބަދަލުތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިނގާނެ އަހަރަކަށް ކަމަށެވެ.

"ވަރަށް މުހިއްމު ޕްރޮޖެކްޓެއްގެގޮތުގައި 2026ވަނަ އަހަރު ކުރިއަށްދާނެ ކަމަކީ މިހާރު އަޅުގަނޑުމެން ފަށާފައިއޮތް ރީޖަނަލް ހޮސްޕިޓަލްތައް މިހާރު ހުރި ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ގެންދިޔުން، އިތުރު ޑޮކްޓަރުންނާއި، އިތުރު ބަލިތަކަށް ފަރުވާދެވޭނެ ސްޕެޝަލިސްޓުން ގެނައުން، މިއާ ގުޅިފައިހުރި އިންފްރާސްޓްރަކްޗަރ، އިމާރާތަށް އެޅުމުގެ މަސައްކަތް" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ނާޘިމް ވިދާޅުވީ މި މަސައްކަތްތަކާއެކު އަތޮޅު ހޮސްޕިޓަލްތަކާއި އަބާދީ ކުދި ރަށްރަށުގެ ހެލްތު ސެންޓަރުތަކުގެ ފެންވަރު ރަނގަޅުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.

"ބޭނުންވާ ޑޮކްޓަރުން ހޯދުމާއި، އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި، އިތުރު އައު ޚިދުމަތްތައް ގާއިމުކުރުމާއި، މިމަގުން އިތުރު ވަރަށް ގިނަ މަސައްކަތްތައް އަޅުގަނޑުމެންގެ ޝިޑިއުލްގައި އެބަހުރި، މެނިފެސްޓޯގައި އެބަހުރި، ބަޖެޓުގައި ހިމެނިފައި އެބަހުރި، 2026ވަނަ އަހަރު ވެގެންދާނީ ޞިއްޙީގޮތުން ހެޔޮ ބަދަލުތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ ޕްރޮޖެކްޓުތައް ހިނގާނެ އަހަރަކަށް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ނާޘިމް ވިދާޅުވީ ސަރުކާރުގެ ސިއްޙީ ސިޔާސަތުގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ރައްޔިތުންގެ ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލުތަކަށް މަގުފަހިކުރުން ކަމަށެވެ. އަދި މަސައްކަތްތައް ރޭވިފައިވަނީ ޞިއްޙީ ދާއިރާ އެހެން ހަރުފަތަކަށް ގެންދިޔުންކަމަށް ވަޒީރު ވިދާޅުވިއެވެ.