ޚަބަރު

އާމުދަނީ އިތުރުވެ، ޕީއެސްއައިޕީ މަޝްރޫޢުތައް ހަލުވިވެއްޖެ


  • ޖުމްލަ އާމުދަނީއާއި ހިލޭ އެހީ 36.9 ބިލިޔަން ރުފިޔާއަށް

  • ޓެކްސްގެ ގޮތުގައި ލިބުނު އާމުދަނީއަކީ 27.5 ބިލިޔަން ރުފިޔާއަށް

ދައުލަތަށް ލިބޭ އާމުދަނީ އިތުރުވެ، ޕީއެސްއައިޕީ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ހަލުއިވާން ފަށާފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިިފިއެވެ.

ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން މިގޮތަށް ދައްކާފައިވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ތަކެއްޗާއި ޚިދުމަތްތަކުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ.) އިތުރުވުމުގެ ސަބަބުންނެވެ.

މިމަހުގެ 18ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމުދަނީއާއި ހިލޭ އެހީވަނީ، 36.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ، 2024 ވަނަ އަހަރުގެ މިމުއްދަތުގައި ލިބުނު 33.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 3.8 ބިލިއަން ރުފިޔާ ނުވަތަ 11.5 އިންސައްތައިގެ އިތުރުވުމެކެވެ.

މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާގައި އާމުދަނީ އެންމެ ބޮޑަށް އިތުރުވީ، ޓީޖީއެސްޓީ އިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 10.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 8.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.3 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މި މުއްދަތުގެ ތެރޭގައި ޓެކްސްގެ ގޮތުގައި ލިބުނު އާމުދަނީއަކީ، 27.5 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ، 25 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 2.5 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.

ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމުދަނީއަކީ، 9.1 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބިފައިވަނީ، 7.5 ބިލިއަން ރުފިޔާ ކަމަށް މާލީ ކަންކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިމަހުގެ 18ގެ ނިޔަލަށް ޖުމްލަ ޚަރަދުތައް ހުރީ، 38.9 ބިލިއަން ރުފިޔާގައެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފުތާގައި ޚަރަދުތައް އިތުރުވި މައިގަނޑު ސަބަބަކީ، ދަރަނީގެ ޚިދުމަތަށް ކުރި ޚަރަދުތަކެވެ. ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން، މުހިންމު ޚަރަދެއް ކަމަށްވާ ސަބްސިޑީތަކަށް 3.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ މިމުއްދަތުގައި ޚަރަދުކުރި 3.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.3 އިންސައްތަ ކުޑަ އަދަދެކެވެ.

18 ޑިސެމްބަރުގެ ނިޔަލަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ޖުމްލަ 7.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ޕީއެސްއައިޕީގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައި ޚަރަދުކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. މިދާއިރާއަށް 4.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެެވެ. އޭގެތެރޭގައި އެއަރޕޯޓު ތަރައްގީ ކުރުމަށް 3.2 ބިލިއަން ރުފިޔާއާއި ބުރިޖު ހެދުމަށް 870.3 މިލިއަން ރުފިޔާ ހިމެނެއެވެ.

ސިއްޙީ ދާއިރާއަށް ކުރި ޕީއެސްއައިޕީ ޚަރަދުތައް މިއަހަރުގެ މިމުއްދަތުގައި ހުރީ، 453.1 މިލިޔަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި މިއަދަދު ހުރީ، 145.5 މިލިޔަން ރުފިޔާގައެވެ. އެހެންކަމުން މިއީ 307.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް 2.0 ބިލިއަން ރުފިޔާއަށް ވަނީ ކުޑަވެފައެވެ. މިއީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓު ކުރި 11.5 ބިލިއަން ރުފިޔާގެ ޑެފިސިޓަށްވުރެ 9.5 ބިލިއަން ރުފިޔާ ނުވަތަ 82.5 އިންސައްތަ ކުޑަ ޑެފިސިޓެކެވެ.