އެތުލީޓުންގެ ފޯރަމަކީ ކުޅުންތެރިންނަށް ލިބޭ ވަރުގަދަ ޕްލެޓްފޯމެއްކަމަށާއި މި ޕްލެޓްފޯމުގެ ސަބަބުން ކުޅުންތެރިންނަށް ހިތްވަރު ލިއްބައިދީ ތަޖުރިބާތައް ހިއްސާކުރުމަށް ބާރަކަށްވެގެންދާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ކުޅިވަރު ވަޒީރު މިހެން ވިދާޅުވީ "އޯން ޔޮރ ސްޓޯރީ"ގެ ނަމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީއީ)އިން އިންތިޒާކޮށްގެން ބޭއްވި 2 ވަނަ އެތުލީޓުންގެ ފޯރަމުގައި ބައިވެރިވެވަޑައިގެން ކުޅުންތެރިންނާއި މުޚާޠަބުކުރައްވާ ދެއްކެވި ވާހަކައިގައެވެ. ވަޒީރު ވިިދާޅުވެފަވަނީ މިފަދަ ހަރަކާތްތަކަކީ ކުޅުންތެރިންނަށް ގިނަ ފައިދާތަކެއް ލިބިގެންދާ ކަމެއްކަމަށާއި މިއީ ކުޅުންތެރިންގެ ތަޖުރިބާތައް އެކަކު އަނެކަކާއި ހިއްސާކޮށް ތަޖުރިބާ ބަދަލުކުރުމަށް ލިބިގެންދާ ފަހި ފުރުސަތެއްކަމަށެވެ. މިކަމުގެ ސަބަބުން ކުޅުންތެރިންނަށް ހިތްވަރު ލިއްބައިދީ ކާމިޔާބަށް ގަދައަޅާ މަސައްކަތް ކުރުމަށް ބާރަކަށްވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"އޯން ޔުއަރ ސްޓޯރީ"ގެ ނަމުގައި އެމްއޯސީއިން ކުރިއަށް ގެންދިޔަ މި ފޯރަމުގައި 17 ކުޅިވަރަކުން 80 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެފަވެއެވެ. މި ފޯރަމުގެ އަމާޒަކީ އެތުލީޓުން ކުޅިވަރުގެ ސިޔާސަތުތަކާއި ގަވާއިދުތަކަށް ހާނުވާ، އެތުލީޓުންނަށް ބޭނުންވާނެ ދުޅަހެޔޮކަމާއި ގުޅުންހުރި މައުލޫމާތުތައް ހިއްސާކުރުމެވެ.
މި ފޯރަމުގެ ތެރެއިން ކުރިއަށް ދިޔަ ސެޝަންތަކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަކޮށްގެން ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު މި ސެޝަނުގެ ތެރެއިން އެތުލީޓުންނަށްވަނީ ނަފްސާނީ ދުޅަހެޔޮކަމަކީ ކޮބައިކަމާއި މެޗަކަށް އެރުމުގެ ކުރިން ނަފްސާނީ ގޮތުން އެތުލީޓުން ތައްޔާރުވުމަށް ކުރެވިދާނެ ކަންކަން ބުނެދީފައެވެ.
ހާސްވެ ކަންބޮޑުވާ ހާލަތްތަކުގައި އަމަލުކުރެވިދާނެ ގޮތްތައް ބުނެދީ އެކަމުގެ މައުލޫމާތުވަނީ ދެވިފައެވެ. މި ސެޝަނުގެ ތެރެއިން މުއާމަލާތްކުރުމުގެ ހުނަރުތައްވެސްވަނީ އެތުލީޓުންނަށް ބުނެދީފަވާއިރު، ކުޅިވަރުގެ ފިޒިކަލް ރީހެބިލިޓޭޝަންއަށްވެސް ވަކިން ސެޝަނެއް ކުރިއަށް ގެންގޮސްފަވެއެވެ.
އެތުލީޓުންގެ ފޯރަމުގެ ތެރެއިން ކުޅުންތެރިންގެ ތަޖުރިބާތައް ބަދަލުކޮށް ހިއްސާކޮށްފަވާއިރު އެތުލީޓުންގެ ޚިޔާލާއި މަޝްވަރާތައްވެސް ކުރިއަށް ގެންގޮސްފަވެއެވެ. މި ފޯރަމް އެމްއޯސީއިން ކުރިއަށް ގެންދިއުމަށް ރާވާފަވަނީ ކޮންމެ ދެ އަހަރުން އެއް އަހަރެވެ.