ޚަބަރު

ރޯދަ މަހުގެ 27 ވިލޭރޭ 30 ޙާފިޡުން ދަސްވެނިވާނެ


  • މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތު ދަސްކޮށްފި

  • 27 ވިލޭރޭ 42 ޙާފިޡަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެ

އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ޙާފިޡުން ދަސްވެނިވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާން ހިތުދަސް ޙާފިޡުން އުފައްދަން މި ސަރުކާރުން ދަނީ، ވަރަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތުދަސްކޮށް ނިންމައި، އިމްތިހާން ހަދާފައިވާ ކަމަށެވެ. އަދި 7 ކުއްޖެއްގެ އިމްތިހާނު މިހާރު ކުރިއަށްދާ ކަމަށާއި، 1 ކުއްޖަކު އިމްތިހާނަށް ތައްޔާރުވެފައިވާ ކަމަށެވެ.

ޙާފިޡުން ދަސްވެނިވުމަށް ޚާއްޞަ ކޮށްގެން ބާއްވާ ޙަފްލާ ރޯދަ މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް މިއަހަރުގެ މާރޗު މަހު ސަރުކާރުން ވަނީ ނިންމަވާފައެވެ. އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ޙާފިޡުން ދަސްވެނިވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ. މިއީ، މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރު އަދަދެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން 27 ވިލޭރޭ 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޙާފިޡުން އުފެއްދުމަކީ، ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ، މިދިޔަ ޖޫން މަހުން ފެށިގެން ޙާފިޡުންގެ އެލަވަންސްވެސް ބޮޑުކުރައްވާފައެވެ.

ދިވެހި ދަޢުލަތް ހިންގަން ބޭނުންފުޅު ވަނީ، ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެންމެ އިސްކަމެއް ދެއްވާނެ ޤައުމީ ވާޖިބަކީ، މާތްވެގެންވާ އިސްލާމްދީނަށް ނަޞްރު ދިނުންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެކަމަށްޓަކައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށާއި، ކީރިތި ޤުރުއާން ހިތުދަސް ޙާފިޡުން އުފެއްދުމަށާއި އެކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް ސަމާލުކަން ދެއްވާނެ ކަމަށް އެމަނިކުފާނު މީގެކުރިން ވަނީ ވިދާޅުވެފައެވެ.