ޚަބަރު

"ދިވެހިރާއްޖޭގެ އަޑަކީ މަސްވެރިންގެ ވަރަށް ގާތް އެކުވެރިއެއް"


  • 1985 އިން ފެށިގެން މަސްވެރި ވުޒާރާއާއެކު މަސައްކަތްކުރަމުން އަންނަނީ

  • މަސްވެރިންނަށް މުހިއްމު މައުލޫމާތުތަކެއް ދަނީ ފޯރުކޮށްދެމުން

މަސްވެރިނާ ގުޅޭ މުހިއްމު މައުލޫމާތުތަކެއް ދިވެހިރާއްޖޭގެ އަޑުން ފޯރުކޮށްދެމުންދާ ކަމަށާއި، އަޑަކީ މަސްވެރިންގެ ވަރަށް ގާތްް އެކުވެރިއެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ ތޭހައްޓިވަނަ އަހަރީ ދުވަހުގެ ޚާއްސަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގެ އަޑާއި މަސްވެރިކަމުގެ ވުޒާރާއާއި ދެމެދު އޮތީ ވަރަށް ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ. އެގޮތުން 1985 ވަނަ އަހަރުން ފެށިގެން މަސްވެރިކަމުގެ ވުޒާރާއާއި ދިވެހިރާއްޖޭގެ އަޑާއި ގުޅިގެން ޕްރޮގްރާމުތައް ގެނެސްދެމުންދާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މަސްވެރިކަމުގެ އެކި މައުލޫމާތު ފޯރިކޮށްދިނުމުގައި ދިވެހިރާއްޖޭގެ އަޑު މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ އަޑަކީ މަސްވެރިންގެ ވަރަށް ގާތް އެކުވެރިއެއްކަމަށެވެ.

"މަސްވެރިން ވަރަށް އަޑުއަހާ މިހާރުވެސް ރޭޑިއޯ، އެއީ ޒަމާނުއްސުރެއް ވަރަށް އަހުލުވެރިވެފައި މިތިބީ ރޭޑިއޯ އަޑުއައްސަވަން، މަސްވެރިންނަށް ވަރަށް މުހިއްމު ވާހަކަތަކެއް އަޑުން ގެނެސްދޭ، އެއީ ރާއްޖޭގައި މަސްކިރާ މިންވަރާއި އެކި ޒަމާނުގައި އެކި މައުލޫމާތު މިދެވެނީ. މޫސުން ވަކިން ހާއްސަކޮށް މޫސުމީ ވާހަކަތަކަކީ މަސްވެރިންނަށް ވަރަށް މުހިންމުވާނެ ވާހަކަތަކެއް" ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ކުރަމުންދަނީ އަގު ނުކުރެވޭ ވަރުގެ މުހިއްމު މަސައްކަތްތަކެއް ކަމަށެވެ. އަދި މަސްވެރިންގެ އަޑުވެސް ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭކަން ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ.

"މަސްވެރިއެއްގެ އަޑު އިވުމަކީ ދެން ތިބި މަސްވެރިންވެސް ހިތްހަމަޖެހޭ ކަމެއް، ވަރަށް މުހިއްމު ދައުރެއް އަދާކުރާ ވަސީލަތެއް ރޭޑިއޯއަކީ، ވަރަށް ބޮޑު ކޮންޓްރިބިއުޝަނެއް މުޅި ސިނާއަތަށް ހަމައެކަނި މަސްވެރިންނަކަށް ނޫން، މުޅި ޕަބްލިކަށް، މަސްވެރިން މިކުރަނީ ކިހާ މުހިއްމު މަސައްކަތެއްކަން އަނގައިދިނުމުގައި." ވަޒީރު ވިދާޅުވިއެވެ.

ޒަމާނާއި އެއްގޮތަށް އަޑުގެ ޕްރޮގްރާމްތައް ރައްޔިތުންނާ ގާތަށް ފޯރުކޮށްދެމުންދާއިރު މުޖްތަމައުއަށް މަސްވެރިން ކުރާ މަސައްކަތްތައް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގެ އަޑު މުހިންމު ދައުރެއް އަދާކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.