ޚަބަރު

އެސްޓަން ވިލާ އަތުން ޗެލްސީ ބަލިވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެ އެވެ.

ލަންޑަނުގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗު ފަށައިގެން ޗެލްސީ އިން މެޗު ކޮންޓްރޯލްކޮށް ވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

އަދި މެޗުގެ 37 ވަނަ މިނިޓުގައި ރީސް ޖޭމްސް ދިން ޕާހަކުން ޖޮއާއޯ ޕެޑްރޯ ވަނީ ލަނޑެއް ޖަހާ ޗެލްސީ އަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 15 ވަނަ މިނިޓުގައި އެސްޓަން ވިލާގެ ކޯޗު އުނެއި އެމެރީ ވަނީ އެ ޓީމަށް ތިން ބަދަލު ގެނެސްފަ އެވެ. އެގޮތުން އޮލީ ވޮޓްކިންސް އާއި އަމަޑޫ އޮނާނާގެ އިތުރުން ޖޭޑަން ސަންޗޯ ވަނީ ކުޅެން އަރުވާފަ އެވެ.

އެސްޓަން ވިލާއިން ގެނައި ބަދަލުތަކާއިއެކު އެ ޓީމުގެ ކުޅުން ވަނީ ވަރަށް ބޮޑުތަން ރަގަޅުވެފަ އެވެ. އަދި މެޗުގެ 63 ވަނަ މިނިޓުގައި އޮލީ ވޮޓްކިންސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުން އެސްޓަން ވިލާ މޮޅުވި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ޔޫރޯ ޓިއެލެމަންސް ދިން ޕާހަކުން އޮލީ ވޮޓްކިންސް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

އެސްޓަން ވިލާ މި މެޗުން މޮޅުވުމާއިއެކު އެ ޓީމުން ވަނީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 11 މެޗުން މޮޅުވެފަ އެވެ.

ޗެލްސީ އަތުން މޮޅުވެ ވިލާއިން ހޯދި ތިން ޕޮއިންޓައެކު އެ ޓީމަށް ވަނީ 18 މެޗުން ޖުމްލަ 39 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. ޗެލްސީ އަށް 18 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ.