ރާއްޖެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގާތްގަނޑަކަށް ތިން އަހަރު ފަހުން ފުރަތަމަ ފަހަރަށް ވާދަވެރި ކުލަބު ފުޓްބޯޅަ ކުޅެން ނުކުމެއްޖެ އެވެ.
އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރުމަށްފަހު ދިރާގު ދިވެހި ލީގުގައި މިހާރު އުމުރުން 40 އަހަރުގެ ފޯވަޑް ކުޅެން ނުކުތީ ބުރު ސްޕޯޓްސް ކުލަބާ އަތުން 3-0 އިން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މޮޅުވި މެޗުގައި އެ ކުލަބުގެ ނޫ ޖާޒީގަ އެވެ.
ކުރިން ވެސް ތިން ފަހަރެއްގެ މަތީން ނިއު އަށް ކުޅުނު އެ ކުލަބުގެ ކުރީގެ ކެޕްޓަން ރޭ ކުޅެން ނުކުތީ މެޗުގެ ފަހު 10 މިނިޓަށެވެ. އޭނާ ކުޅެން ނުކުތުމާއެކު ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ކެޕްޓަން ބޭންޑް ވެސް ދަގަނޑޭ އަތަށް ހެޔޮވަރުކޮށްދިނެވެ.
ވާދަވެރި މެޗެއްގައި ކުލަބު ފެންވަރުގައި ދަގަނޑޭ އެންމެ ފަހުން ފެނުނީ 2023 ވަނަ އަހަރު އޭނާގެ ގޭ ދޮށު ކުލަބު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިންނެވެ. އެ ސީޒަނުގައި އޭނާ އަށް އަނިޔާވީ 20 އޭޕްރީލްގައި އީގަލްސްއާ ދެކޮޅަށް ކުޅެނިކޮށެވެ. އެއަށްފަހު ކުލަބު ފުޓްބޯޅައިން ނުފެނި ރޭގެ މެޗަށް ނުކުތީ 982 ދުވަސް ފަހުންނެވެ.
އުމުރުން އެންމެ 16 އަހަރުގައި ވެލެންސިއާއިން ކެރިއަރު ފެށި ދަގަނޑޭ އަށް ފަހަކަށް އައިސް ސީޒަނެއް ފުރިހަމަ ކުރެވުނީ 2021 ވަނަ އަހަރު އެވެ. އެ އަހަރު ވެލެންސިއާގެ ކެޕްޓަންކަން ކުރުމަށްފަހު އޭނާ ކުޅުމާ ވަކިވީ ޖެހިގެން އައި ސީޒަނުގައި ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުގައި އަނިޔާވުމުންނެވެ. ރަސްމީކޮށް އޭނާ ކުޅުމާ ދުރުގައި ހުންނަން ފެށީ 2022 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދި ވެލެންސިއާ ޓީމާއެކު ފައިނަލް މެޗުގައި ހަރަކާތްތެރިވުމަށްފަހު އެވެ.
ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ކުޅުންތެރިޔާ ވަނީ އޭނާގެ ރަންޒަމާނުގައި ރާއްޖޭގެ ފުޓްބޯޅައިގެ ގިނަ ރެކޯޑްތަކެއް މުގުރާލައިފަ އެވެ. މި ގޮތުން ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖަހައިގެން ރަންބޫޓު ރެކޯޑް އަދަދަކަށް ހޯދި ހަމައެކަނި ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
ރާއްޖެ އަށް އެންމެ ފުރަތަމަ ފުޓްބޯޅައިން ތައްޓެއް ހޯދައިދިން ޓީމުގައި މޮޅަށް ކުޅެ 2008ގެ ސާފް ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
ދަގަނޑޭ މިހާރު ގުނަމުދަނީ އޭނާގެ ކެރިއަރުގެ ފަހު ދުވަސްތައް ކަމަށް ބެލެވެ އެވެ. މުޅި ދުނިޔޭގައި އުމުރުން 40 އަހަރުން ދޮށީ އުމުރުގައި މަދު ކުޅުންތެރިއަކަށް މެނުވީ ކެރިއަރު ކުރިއަށް ނުގެންދެވެ އެވެ. އަމުދުން ރާއްޖޭގައި މިއީ ވަރަށް ނުވާކަމެކެވެ.