ޚަބަރު

ޤައުމީ ކެޑޭޓް ކޭމްޕް ގިރިފުށީގައި ފަށައިފި


  • ރާއްޖޭގެ އެކި ކަންކޮޅުތަކުން 120 ކެޑޭޓުން ބައިވެރިވޭ

  • މިކޭމްޕް ކުރިއަށްދާނީ ޖަނަވަރީ މަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް

25ވަނަ ގައުމީ ކެޑޭޓް ކޭމްޕް، ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ފަށައިފިއެވެ.

މި ކޭމްޕް ފެށުމުގެ ގޮތުން ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމެވެ.

މިރަސްމިއްޔާތުގައި ވަޢުދު ލައިދެއްވީ ކެޑޭޓް ކޭމްޕްގެ ޗީފް އިންސްޓްރަކްޓަރ، ފަސްޓް ލެފްޓިނެންޓް އަޙްމަދު މަޢުމޫރެވެ. މީގެ އިތުރުން، ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ކޭމްޕްގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ފަސްޓް ސާޖަންޓް އަޙްމަދު އަބޫބަކުރެވެ.

މި ކޭމްޕަކީ، އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްއިން ރާވާ އިންތިޒާމުކޮށްގެން، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯރގައި ހިމެނޭ ސްކޫލް ކެޑޭޓް ކޯރތަކުން ހޮވާލެވޭ ކެޑޭޓުންނާއި ބޭންޑް ކެޑޭޓުންނަށް ހިންގޭ ކޭމްޕެކެވެ. މި ކޭމްޕްގައި ކިޔަވައިދެއްވަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ މުދައްރިބުންނެވެ.

ކެޑޭޓް ކޭމްޕްގެ މަޤުޞަދަކީ، މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީވެސް މުޖުތަމަޢަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި، ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާޤާއި ރިވެތި ސުލޫކެއްގެވެރި ބަޔެއްގެ ގޮތުގައި ބިނާކޮށް، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙް އާލާކޮށް ދިރުވުމެވެ.

މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ގައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފުކޮށްދިނުމާއި ގައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޢާލާކުރުން ހިމެނެއެވެ.

މި ކޭމްޕުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި، ފިޒިކަލް ޓްރެއިނިންގ، ވޯޓަރމަންޝިޕް، ޑްރިލް، ވެޕަން ޓްރެއިނިންގ އެންޑް ޝޫޓްސް، ބޭސިކް ފީލްޑް ކްރާފްޓް، ކޮމްބެޓިވްސް، ލީޑަރޝިޕް، ބޭސިކް ފަޔަރފައިޓިންގ، މެރިޓައިމް ސްޓަޑީޒް، ބޭސިކް ފީލްޑް ފަސްޓްއެއިޑް، އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުގެ ބައިތައް ހިމެނެއެވެ.

ކެޑޭޓް ކޭމްޕް ކުރިއަށްދާނީ މިމަހުގެ 27އިން ފެށިގެން އަންނަ މަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެވެ. އަދި މި ކޭމްޕުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 120 ކެޑޭޓުން ބައިވެރިވާއިރު، އޭގެތެރޭގައި ހިމެނެނީ 90 ފިރިހެން ކެޑޭޓުންނާއި 30 އަންހެން ކެޑޭޓުންނެވެ.

ކޭމްޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފްގެ އޮފިސަރ ޓްރެއިނިންގ ވިންގުގެ ކޮމާންޑިންގ އޮފިސަރ އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާންއާއި، ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ މުދައްރިބުންނާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.