އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ މޮރޮކޯ އަށް މޮޅުނުވެވުމުން ކޯޗު ދިފާއީ ރާގެއްގައި ވާހަކަ ދައްކަން ފަށައިފި އެވެ.
މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުގައި މޮރޮކޯ އެއްވަރުވީ މާލީއާ ވާދަކޮށް 1-1އިންނެވެ. ދެ ޓީމު ވެސް ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހީ މޮރޮކޯގެ ބްރަހިމް ޑިއާޒް 45 ވަނަ މިނިޓްގަ އެވެ. މާލީން އެއްވަރ ކުރީ 64 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއިން ލަސިނާ ސިނަޔޯކޯ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ ބުނީ މެޗުން ބަލިނުވާ ކަމަށެވެ. މިހެންވެ ހާސްވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.
"އަހަރުމެން ކުޅުނީ ރަނގަޅު މެޗެއް. ވަރަށް ވާދަވެރި މެޗެއް. އަހަރުމެން މެޗު ފަށަން ޖެހޭ ވަގުތު އޮއްވައި (އިދިކޮޅު ޓީމު ގޯލު ނުޖަހަނީސް). މާލީ އަށް މަރުހަބާ ކިޔަން ޕޮއިންޓެއް ހޯދީތީވެ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ މޮޅުނުވި ނަމަވެސް މޮރޮކޯއިން ފަހަތަށް ބަލަން ނުޖެހޭ ކަމަށާއި މުބާރާތް ކާމިޔާބު ކުރުމުގެ ހުރިހާ ފުރުސަތެއް މޮރޮކޯ އަށް އެބައޮތް ކަމަށެވެ.
"ޕެނަލްޓީ އަކުން ގޯލެއް ވަނުމަކީ މައްސަލަ އެއް ނޫން. އެއީ ފުޓްބޯޅައިގައި ވެދާނެ ގޮތެއް. މި ނަތީޖާގެ ސަބަބުން އަހަރުމެން ގެއްލިދާކަށް ނުޖެހޭ. މުބާރާތް ކާމިޔާބު ކުރުމަކީ ދިގު ދަތުރެއް. ހަގީގަތުގައި އަހަރުމެން މި މެޗުގައި ވެސް ރަނގަޅަށް ކުޅުނިން މެޗުން މޮޅުނުވެވުނު ނަމަވެސް. އަހަރުމެން ގްރޫޕުގެ ފަހު މެޗަށް ދާނީ އިތުބާރާއެކު،" ކޯޗު ބުންޏެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލް ކުޅުނު ގައުމުގައި މުބާރާތް ބާއްވާއިރު މި ތަށި ހޯދަން ޖެހޭ ކަމަށް އެ ގައުމުގެ ހުރިހާ ރައްޔިތުން ތިބީ ގަބޫލުކޮށްގެންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މޮރޮކޯގެ ނެއިލް އަލް އައިނައުއީ ބުނީ ލީގު ލިބުމުން އެ ލީޑް ދަމަހައްޓަން މޮރޮކޯ އަށް މަސައްކަތް ނުކުރެވުނު ކަމަށެވެ.
"އަހަރެންގެ އެވޯޑް އަހަރެންނަށް އެހާ ހާއްސައެއް ނޫން. ސަބަބަކީ ޓީމު މޮޅު ނުވީމަ. އަހަރުމެންނަށް ދިމާވި މައްސަލަ އަކީ ލީޑު ލިބުމުން ދެން ރަނގަޅަށް ނުކުޅެވި ދިއުން. އެ މީހުން ގޯލް ޖެހީމާ އަނެއްކާ ވެސް އަހަރުމެން ރަނގަޅަށް ކުޅުނިން. އަހަރުމެން އެބަޖެހޭ މި ނަތީޖާ ވީހާ އަވަހަކަށް ހަނދާން ނައްތާލަން،" އައިނައުއީ ބުންޏެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން މާލީގެ ކޯޗު ޓޮމް ސެއިންޓް ބުނީ މޮރޮކޯ އަކީ މޮޅު ޓީމެއް ނަމަވެސް އެ މީހުންގެ އެޓޭކްތައް ހުއްޓުވޭނެ ތަޖުރިބާ އޭނާގެ ޓީމުގައި އެބަހުރި ކަމަށެވެ.
"އަހަރުމެން މި މެޗަށް ތައްޔާރުވާން މޮރޮކޯ ޓީމު އެނަލައިޒް ކުރުމުގައި ހޭދަކުރިން ކޮންމެ ދުވަހަކު ދޭއް ނުވަތަ ތިން ގަޑިއިރު. އެމީހުން މި މެޗު ފެށީ ވަރަށް ވަރުގަދަ އަށް. އެކަމަކު ގެނައި ބަދަލުތަކާއެކު އަހަރުމެންނަށް މެޗުގައި ފުރުސަތު ލިބެން ފެށި. މޮރޮކޯގެ އެޓޭކްތައް ވަރުގަދަ. އެކަމަކު ރަނގަޅު ކަމަކީ އެ އެޓޭކްތައް ހުއްޓުވޭނެ ތަޖުރިބާކާރު ކުޅުންތެރިން އަހަރުމެން ޓީމުގައި ތިބުން. މި ނަތީޖާގެ ސަބަބުން އަހަރުމެން ދެން އޮތް މެޗަށް ނުކުންނާނީ ކުރިއަށްވުރެ ބޮޑު އިތުބާރަކާއެކު،" ކޯޗު ބުންޏެވެ.
އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގައި މާލީ އަށް ދެން އޮންނާނީ ގްރޫޕުގެ ފަހު މެޗުގައި ކޮމޯރޯސް މެޗެވެ. މޮރޮކޯ ކުޅެން ޖެހޭނީ ޒެމްބިއާއާ އެވެ. ރޭގެ ދެ މެޗަށް ފަހު ގްރޫޕް އޭގެ އެއްވަނާގައިވަނީ ހަތަރު ޕޮއިންޓާއެކު މޮރޮކޯ އެވެ. މާލީ އާއި ޒެމްބިއާ އަށް ލިބިފައިވަނީ ކޮންމެ ބަޔަކަށް ދެ ޕޮއިންޓެވެ. ކޮމޯރޯސް އަށް އެއް ޕޮއިންޓެވެ.