އިންޑިޔާގެ މަޝްހޫރު އެއާލައިން، އިންޑިގޯގެ ޕައިލެޓުންނާ ގުޅިގެން ދިމާވި މައްސަލައިގައި އެތެރޭގެ އުދުހުންތަކުގައި ވާދަވެރިކަން ކުޑަކަން ހާމަވުމާ ގުޅިގެން، އިތުރު ދެ އެއާލައިނެއްގެ އުދުހުންތައް ފެށުމަށްޓަކައި ބޭނުންވާ ފުރަތަމަ ހުއްދަ، އިންޑިޔާ ސަރުކާރުން ދޫކޮށްފިއެވެ.
މި މައްސަލަ ފެންމަތިވީ، ޕައިލެޓުންނަށް އަރާމު ދިނުމާއި، ރޭގަނޑުގެ ވަގުތުގައި ދަތުރު ކުރުމާ ބެހޭ އައު ޤަވާއިދަށް ނޮވެންބަރު މަހުގެ 1ވަނަ ދުވަހު ޢަމަލު ކުރަން ފެށުމާ ގުޅިގެން، އެއާ އެއްގޮތަށް ޕައިލެޓުންގެ ޑިއުޓީ އިންތިޒާމުތައް ހަމަޖެއްސުމުގައި އިންޑިގޯ ފޭލުވުމުންނެވެ.
އެކަމާ ގުޅިގެން އިންޑިގޯގެ 4،500އަށް ވުރެ ގިނަ ފްލައިޓު ކެންސަލްކުރަންޖެހި، އެތައް ހާސް ފަސިންޖަރުން އެއާޕޯޓުތަކުގައި ތާށިވެ، މުޅި އިންޑިޔާގެ އެތެރޭގެ އުދުހުންތަކަށް ވަރަށް ބޮޑަށް ބުރޫއެރިއެވެ.
އިންޑިޔާގެ އެތެރޭގެ އުދުހުންތަކުގެ ބާޒާރުގެ 65 އިންސައްތަ އިންޑިގޯ ޙިއްޞާ ކުރާއިރު، 27 އިންސައްތަ އަކީ ޤައުމީ އެއާލައިން އެއާ އިންޑިޔާ އެވެ.
އިންޑިޔާގެ ވައިގެ ދަތުރުފަތުރާބެހޭ ވަޒީރު، މޯހަން ނައިޑޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުދުހުންތައް ފެށުމުގައި އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން ދޫކޮށްފައިވަނީ އަލް-ހިންދު އަދި ފްލައިއެކްސްޕްރެސް ނަމަކަށް ކިޔާ ދެ އެއާލައިނަކަށް ކަމަށެވެ.
އޭގެތެރެއިން އަލް-ހިންދުން އަމާޒު ހިފާފައިވަނީ، ދެކުނުގެ ސަރަޙައްދަށް ވައިގެދަތުރުފަތުރުގެ ޚިދުމަތް ފެށުމަށެވެ.
މިދިޔަ ޖުލައި މަހު، އިންޑިޔާގެ ސަރުކާރުން ޤާނޫނު ހަދާ މަޖިލީހާ ޙިއްޞާކުރި މަޢުލޫމާތުތަކުން އެނގޭ ގޮތުގައި، 2020ވަނަ އަހަރުން ފެށިގެން ތަފާތު ހަ އެއާލައިނަކަށް އެތެރޭގެއުދުހުންތަކަށް ހުއްދަ ދޫކޮށްފައިވެއެވެ.