ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށާފައިވާ 'ދިވެހި ވަޠަނީ ޚިދުމަތް' ޕްރޮގުރާމުގެ ފުރަތަމަ ބުރު ނިމުމަކަށް އައިސް، މިހާރު ދެވަނަ ބުރަށް ތައްޔާރުވަމުންދާ މި ދަނޑިވަޅަކީ، ޤައުމީ ތާރީޚުގައި ރަން އަކުރުން ފާހަގަކުރެވޭނެ އުންމީދީ މަރުޙަލާއެކެވެ.
މި ޕްރޮގްރާމުގެ މަޤުޞަދު ވަރަށް ފުޅާއެވެ. އެގޮތުން ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ރޫޚު ހުރި ރައްޔިތެއްގެ ގޮތުގައި ބިނާކުރުމަކީ މި ޕްރޮގްރާމުގެ އެންމެ މުހިންމު އެއް މަޤުޞަދެވެ.
ހަމައެއާއެކު ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރު ކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓް ކުރެވޭނެ މަގުފަހިކޮށްދީ، ޒުވާނުންނަކީ އެއްބައިވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި، ސުލޫކު ރަނގަޅު، އިޚްތިރާމު ކުރާ ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމަކީވެސް މި ޕްރޮގުރާމްގެ މަޤުޞަދެކެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބުރުގެ ބައިވެރީން މިވަނީ މިކަން ސާބިތުކޮށްދީފައެވެ. އެގޮތުން މާފިލާފުށީގައި ހުންނަ ސިފައިންގެ ތަމްރީނު މަރުކަޒުގައި، ނަފްސާނީ އަދި ޖިސްމާނީ ގޮތުން އެތައް ގޮންޖެހުންތަކެއް ހުރި ނަމަވެސް، މި ކުދީން ސާބިތު ކޮށްދެމުން އެދަނީ ދީނާއި ޤައުމު ދެކެ ލޯބިވާ އަދި މުޖުތަމަޢަށް ފައިދާ ހުރި ރައްޔިތަކަށް ހަމަ ކޮންމެ ކުއްޖަކަށްވެސް ވެވޭނެ ކަމެވެ.
މި ޕްރޮގްރާމުގެ ތެރެއިން އެތައް ބުރަ މަސައްކަތެއްކޮށް، ޤުރުބާނީތަކެއްވެ، އެ ކުދިންގެ ވިސްނުމާއި ފިކުރު މިވަނީ މުޅިން ބަދަލުކޮށްލާފައެވެ. ލޯތްބާއި، ކުލުނާއި، އޯގާތެރި ސިފައިންގެ މުދައްރިބުންގެ އިޚުލާޞްތެރި މަސައްކަތުން، ގެއްލިފައިވާ ކަމަށް ގިނަ ބަޔަކަށް ފެންނަމުން ދިޔަ އެތައް ދަރިންނެއްގެ ހަޔާތަށް އުންމީދުގެ އަލިކަން ގެނެސްދީ، އެ ކުދީންގެ ހަޔާތުގެ މިސްރާބު ހަމަ މަގަށް މިވަނީ އަޅުވައިދީފައެވެ.
"އެކުދިން އެތަނަށް ދިޔައިރުގައި ނެތް އެތައް ސްކިލްއެއް އަދި ޑިސިޕްލިން އެއްވެސް އިރާދަކުރެއްވީތީ ވަރަށް ބޮޑަށް ރަނގަޅުކުރެވި ބިނާކުރަނިވި ޕްރޮޑަކްޓިވް މަސައްކަތްތައް ކުރެވޭ ޤައުމީ ވިސްނުންތައް ހުރި ދިވެހި ދަރިންތަކެއް މި ޕްރޮގްރާމުގެ ތެރެއިން އުފެދިގެންދާނެ." "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް"ގައި ޒުވާނެއް ކުރެއްވި ސުވާލަކަަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ، ހަމައެކަނި ފިޒިކަލް ތަމްރީނުތަކެއް ފޯރުކޮށްދިނުމަށްވުރެ މާފުޅާ ނަތީޖާއެއް ނެރެދީފައިވާ އަދި ނެރެދޭނެ ޕްރޮގްރާމެކެވެ. މިއީ، މުޅި ޖީލެއްގެ މުސްތަޤުބަލު ބައްޓަން ކުރުމަށްޓަކައި ހުޅުވިފައިވާ ރަނގަޅު ފުރުސަތެކެވެ. މިއީ މަގުފުރެދި، އުންމީދުން މަޚުރޫމްވެފައި ތިބި އެތައް ޒުވާނުންނެއްގެ ދިރިއުޅުމުގެ އަލިކަން އަނބުރާ ގެނެސްދީ، އުފާވެރި މުސްތަޤުބަލަކަށް މަގުފަހިކޮށްދިން ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ ބައިވެރިންގެ ތަމްރީނުތައް ނިމުމާއި ގާތްވެފައިވާއިރު، މި ޕްރޮގްރާމުގެ ސަބަބުން މުސްތަޤުބަލުގައިވެސް މި ކުދިންގެ ދިރިއުޅުމަށް ފައިދާ ކުރާނެއެެވެ. އަދި ދަރިންގެ މުސްތަޤުބަލާ މެދު ކަންބޮޑުވެ، މާޔޫސްވެފައިވާ އެތައް މައިންބަފައިންނެއްގެ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ލިބި، އުފާވެރިކަމުގެ ކަރުނަ އަޅަމުންދާ މަންޒަރު ފެނިގެންދާނެއެވެ.
"މިހާރު މި ތަމްރީނު ކުރެވެނީ ފުރަތަމަ ބެޗު. މިފަހަރަށްވުރެ ތިންގުނަ އިތުރަށް ކުރިއަށް އޮތް ތިން އަހަރު މި ޕްރޮގްރާމުގެ ތެރެއިން ތަމްރީނު ކުރެވޭނެ. ކޮންމެ އަހަރަކު މިނިމަމް 1000 ކުދިން ތަމްރީނު ކުރުން އެއީ އަޅުގަނޑުމެންގެ ޓާގެޓަކީ. އެހެންވީމަ ވަރަށް ބައިވަރު ކުދިން އެކި ކަހަލަ ސްކިލްސްތައް ދަސްވެ ޓްރެއިން ވެގެންދާނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ދީނަށް ލޯބިކުރާ، ޤައުމަށް ވަފާތެރި އަދި މުޖުތަމަޢަށް ބޭނުންތެރި ޒުވާނުންގެ ޖީލެއް ބިނާކުރުމަކީ، ޤައުމެއްގެ އެންމެ އަގު ބޮޑު މުދަލެވެ. މި ޕްރޮގްރާމުގެ ސަބަބުން ދިވެހި ޒުވާނުންނަކީ، ދީނީ އަދި ޤައުމީ އަސާސްތަކުގެ މަތީގައި ސާބިތުވެ ތިބޭ، މުސްތަޤުބަލުގައި ޤައުމަށް ޚިދުމަތް ކުރުމުގެ ފުރިހަމަ ޤާބިލްކަން ލިބިފައިވާ ބަޔަކަށް ވެގެންދާނެއެވެ. މިއީ، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށްޓަކައި ބިންގަލެއް އަޅައިދޭނެ ބާރުގަދަ ތަނބެކެވެ.