ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ނޫންކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ހުޅުމާލެ ފޭސް 3 ހިއްކަމުންދަނީ ކުނި އަޅައިގެންކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
ހުޅުމާލެ ފޭސް3 ހިއްކުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ، ފޭސް3 ހިއްކަމުންދަނީ ކުނި އަޅައިގެން ނޫންކަމަށެވެ. އެތަން ހިއްކަމުން ދަނީ ސީއެންޑީ އަޅައިގެންކަމަށާއި ސީއެންޑީ އަޅަނީ ވަރަށް ބޮޑަށް ބަލާ އޭގެތެރޭގައި ހިމެނޭ ބައިތައް ވަކިކޮށްގެންކަމަށް ޒުހައިރު ވިދާޅުވިއެވެ.
ސީއެންޑީ ކުންޏަކީ އިމާރާތްތަކާއި، މަގުތަކާއި، ފާލަންތައް ފަދަ އޮނިގަނޑުތައް ބިނާކުރުމާއި، މަރާމާތުކުރުމާއި، ނައްތާލުމުގެ ސަބަބުން އުފެދޭ ތަކެތި ނުވަތަ ކުނިތަކެވެ. މިފަދަ ކުނީގެ ތެރޭގައި ސިމެންތި، ލަކުނޑި، ދަގަނޑު، ޑްރައިވޯލް، އަދި ގާފަދަ ބަރު ތަކެތި ހިމެނެއެވެ. މި ކުނި ވަކިކޮށް، މަޝްރޫޢުތަކުގައި އަލުން ބޭނުންކުރުމުން ވަރަށް ފަސޭހައިން ރިސައިކަލް ކުރެވޭނެއެވެ. މިކަމުގެ ސަބަބުން ކުނިގޮނޑުތަކަށް ކުރިމަތިވާ ބުރަ ކުޑަވެ، ގުދުރަތީ ވަސީލަތްތަކަށް އޮންނަ ބޭނުން ކުޑަވެއެވެ.
"ކުނި އަޅައިގެނެއް ނޫން ހިއްކަމުން މިގެންދަނީކީ. އަޅުގަނޑުމެން މިތަނަށް މިއަޅަނީ ސީއެންޑީ. ސީއެންޑީ އަޅުގަނޑުމެން އަޅާއިރުވެސް އަޅުގަނޑުމެން މިއަޅަނީ ސީއެންޑީ މިކޮޅަށް ގެނެސް ސެގްރިގޭޓްކޮށްފައި އަދި އެޅުމުގެ ކުރިން ސެގްރިގޭޓްކޮށްފައި." އަލީ ޒުހައިރު ވިދާޅުވިއެވެ.
އެޗްޑީސީގެ އެމްޑީ ވިދާޅުވީ، ފޭސް 3 ހިއްކުމުގެ މަސައްކަތްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރަމުންދާކަމަށެވެ.
ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ ހުޅުމާލެ ފޭސް 3 ހިއްކަމުންދަނީ ކުނި އަޅައިގެން ނޫންކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެއީ މުޅިން ހަޤީގަތާއި ހިލާފު ވާހަކައެއްކަމަށެވެ. ކުނި އަޅައިގެން އެއްވެސް ތަނެއް ނުހިއްކާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
" އަޅުގަނޑު ދަންނަވަން ކުނި އަޅައިގެން ނުހިއްކާނެކަން. މިހާރު މި ދިމާވެގެން އުޅޭ ގޮތައް އަޅުގަނޑަށް ލަފާކުރެވެނީ އަދި އެޗްޑީސީގެ އެމްޑީވެސް ވިދާޅުވި ފަރުކޮޅުފުށި ކައިރިން ހިއްކިއިރުގައި އެތާހުރި ކުނިތައް ނެގިން. ނަގާފައި އެތަނަށް ގާކުނޑި އެޅީ ގާކުނޑި އެޅި އެތަންކޮޅު ކައިރިއަށް. އަޅާފަ ދެން އޭގެ ދުރަށް ހަމަ އެހެންޏާވެސް ހިއްކާގޮތައް ބިން ހިއްކަން ވެލި އަޅާހެން އަޅައިގެން. ހިއްކާއިރު އެހިސާބުގަނޑު މަސައްކަތް ހިނގިއިރުގައި ފަހަރެއްގައި ހީފުޅުވެދާނެ އެތަނަށް އެޅީ ކުންޏޭ. ކުނިއަޅައިގެނެއް އެއްވެސް ތަނެއް ނުހިއްކާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުނި އަޅައިގެން ތަންތަން ހިއްކުމަކީ ސަރުކާރުން އެކަން ކުރާގޮތެއް ނޫންކަމަށެވެ. މި މަސައްކަތްތައް މިކުރަނީ އިންޓަނޭޝަނަލް ކޮންޓްރެކްޓަރުންކަމަށާއި އެމީހުންނަށް އެ މަސައްކަތް ހަވާލުކުރަނީ އީއައިއޭ ހަދައިގެންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފާހަގަކުރެއްވިއެވެ.