ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން ސައިޓް އޭއިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެއެވެ. ރަަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން ސައިޓް އޭއިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރުގެ ބިން ހިއްކާ އެއްކޮށް ނިމިފައިވާކަމަށެވެ. އެއީ މުޅި މަޝްރޫޢުގެ 30 އިންސައްތައިގެ ކުރިއެރުމެއްކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް 3 ފަރާތަކުން ދަނީ ކުރަމުންނެވެ. ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް އެމްއޭސީއެލްއިން ގެނައި 2 ޑްރެޖަރާއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
Rasmale’ Land Reclamation Project Update:
— Maldives Airports Company Ltd (@MACLmedia) December 24, 2025
41 hectares have been successfully reclaimed, representing 30% overall progress. Reclamation works at Rasmale’ Site A commenced on 1 December 2025. The works are being carried out using Cristóbal Colón, one of the world’s largest Trailer… pic.twitter.com/W7OTtKJH7x
އެންމެ ފަހުން ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރ ބޭނުންކޮށްގެން މި ބިން ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މި ބަދަލާއެކު މަސައްކަތުގެ ދުވެލި މިހާރު މިވަނީ އަވަސްވެފައެވެ. މަޝްރޫޢުގެ ދުވެލި ބާރު ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރުކަމަށްވާ ކްރިސްޓޮބަލް ކޮލޮން ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން މި ހިނގާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ރަސްމާލެ މާސްޓަރ ޕްލޭންގެ ދަށުން ބޯހިޔާވަހިކަމުގެ މަސައްކަތްތަކާއި އަދި އިޤްތިޞާދީ ގިނަ މަސައްކަތްތަކެއްގެ މަސައްކަތް ފެށިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އިކޯސިޓީގެ ގޮތުގައި ތަރައްޤީކުރާ ރަސްމާލޭގެ މަސައްކަތް ސަރުކާރުން ފެށީ 2023 ވަނަ އަހަރުގައެވެ.