ކުޅިވަރު

ކާމިޔާބު ލިބޭނީ ކުޅިވަރުގެ އަޚުލާޤު ހިފެހެއްޓިގެންކަމަށް ނަޒީހު ބުނެފި


ކާމިޔާބު ލިބޭނީ ކުޅިވަރުގެ އަޚުލާޤު ހިފެހެއްޓިގެންކަމަށާއި ހަމައެކަނި މެޗަށް ނުކުމެ އެތުރިލުމަކުން ކާމިޔާބެއް ނުލިބޭނެކަމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ.

މިމަހުގެ 19 ވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި 5-1 ގެ ބޮޑު ތަފާތަކުން ޔޫވީގެ މައްޗަށް އޮޑި ސްޕޯޓްސްއިން ކުރި ހޯދި މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ނަޒީހު ބުނީ ކާމިޔާބީއާއި ގުޅިފައިވާ އެންމެ މުހިންމު އެއްކަމަކީ ކުޅިވަރުގެ އަޚުލާގުކަމަށެވެ.

ކުޅިވަރުގެ އަޚުލާގުނެތި މެޗެއް ކާމިޔާބުކުރެވިދާނެކަމަށް އުންމީދުކޮށްގެން ނުވާނެކަމަށެވެ. އެހެންކަމުން އޮޑިއާއި ވާދަކުރި މެޗު އެހާ ބޮޑު ފަރަގަކުން ބަލިވުމުގައި މިކަން ބޮޑު ދައުރެއް އަދާކުރިކަމަށް ނަޒީހު ބުންޏެވެ.

"މިކަން ލިބޭނީ ފުޓުބޯޅަ ޓެމްޕެރަމެންޓް ހުރެގެން. އަޚުލާގީ މިންގަނޑުތަކާއި އޭގެ ތެރޭގަ ހިމެނޭ ބައިވަރު ކަންކަން. އެހުރިހާ ކަމެއް ނެތި މެޗަކުން މޮޅުވާން ޓީމެއް ނިކުމެ އަތުރާލިޔަކަސް އަދި މޮޅެއް ނުވާނެ. އެ ޑިސިޕްލިން ހުންނަންޖެހޭނެ. އެކަން ނެތިގެން މިހެން މިވީ" ނަޒީހު ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރު ކުރިއަށް ދިޔަ އިރު ޔޫވީގެ ސްކޮޑު ހަމަނުވާ މައްސަލަ ކުރިމަރިވި ނަމަވެސް ދެވަނަ ބުރާއި ޔޫވީއިން ކުރިމަތިލީއިރު އެމައްސަލަ ހައްލުވެ ފަރިތަކުރުންތައް ކުރިއަށްދިޔައީ ކުޅުންތެރިން ހަމަކޮށްގެންކަމަށް ނަޒީހު ފާހަގަކުރިއެވެ. އެހެންނަމަވެސް ޓީމުގައި އަދިވެސް ލީޑަރޝިޕެއް އުފެދިފަ ނެތްކަމަށާއި ބައި ކޮޅަށް ވަންނަމުންދާ ގޯލްތަކުގެ އަސްލު ސަބަބަކީ އެއީކަމަށް އޭނާ ބުނެފަވެއެވެ.

"މިދިޔަ ދުވަސްތަކުގަ ވަރަށް މަސައްކަތް ކުރެވިއްޖެ. ކުޅުންތެރިންވެސް އައިސްފި. އެކަމު ލީޑަރޝިޕް ފަހަތުގަ ނެތީމަ ދިމާވާ މައްސަލައެއް މިދިމާވަނީ ގޯލުތައް ވަނުމުގަ" ނަޒީހު ބުންޏެވެ.

އޮޑިއާއި ބައްދަލުކުރި މެޗަށް އިޝާރާތްކުރަމުން ނަޒީހު ބުނީ އެމެޗުގެ ފަހު ހާފުގެ ކުޅުން ގޯހެކޭ ނުބުނެވޭނެކަމަށެވެ. ފުރަތަމަ ހާފަކީ އޮޑިން ޑޮމިނޭޓްކޮށްގެން ކުޅުނު ހާފެއްނަމަވެސް ދެވަނަ ހާފުގައި ޔޫވީއިން ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިކަމަށްވިޔަސް އެފުރުސަތުތައް ބޭކާރުވިކަން އޭނާ ފާހަގަކުރިއެވެ.

"މިއަދު ފަހު ހާފު ވަރަށް ބެލެންސްކޮށް މިދިޔައީ. ފުރަތަމަ ހާފު ހަމަ އެއްކޮޅު ކުޅެގެން ދިޔައީ" ނަޒީހު ބުންޏެވެ.

މިމެޗުގަ ޔޫވީގެ އައު ބިދޭސީ ސްޓްރައިކަރވެސް ދަނޑުމަތިން ފެނިގެން ގޮސްފަވާއިރު ނަޒީހު ވަނީ އެކުޅުންތެރިޔާގެ ކުޅުމަށް ތައުރީފުކޮށްފައެވެ. އަދި އެއީ މުޅިން އައު ކުޅުންތެރިއެއްކަމުން ޓީމަށް ފަރިތަވެލަން ވަގުތު ނަގާނެކަމަށާއި އޭނާގެ ކުޅުމަށް ފާޑުކިޔަން އަދި މާ އަވަސްކަމަށެވެ. މިމެޗުގައި އޭނާއަށް ލިބުނު ފުރުސަތުތައް ބޭނުންނުކުރެވި ދިޔަކަމަށްވިޔަސް ކުރިއަށް އޮތްތަނުގައި އޭނާ ޓީމަށް ހޭނި ކުޅުން އިތުރަށް ރަނގަޅުވެގެންދާނެކަމަށް ގަބޫލުކުރާކަމަށް ނަޒީހު ބުނެފަވެއެވެ.

"ބޭރުން އެނަގާލި ޝޮޓްވެސް ހަމަ ޕަވަރލާފަ ޖެހީކީ ނޫނޭ. އެތެރެ ފައިން ޕްލޭސްކޮށްލީ ގޯލަށް. އެއީ މި ސްޓްރައިކަރެއްގެ ބޭނުންވާ އެއްޗަކީ. އެހެންވީމަ ޕޮޒިޓިވް ފެނިއްޖެ ޓީމު ތެރެއިން" ނަޒީހު ބުނެފަވެއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔޫވީއިން ދެން ނުކުންނާނީ ބުރާސްފަތި ދުވަހު ހަވީރު ޓީސީއާއި ދެކޮޅަށެވެ. ޔޫވީއިން މިވަގުތު ތާވަލުގަ 7 ޕޮއިންޓާއެކު 8 ވަނައިގައި އޮތް އިރު ޓީސީ އޮތީ ލިބުނު 6 ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.