ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްޤީ ކޮށް، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް'ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހާ ހަމައަށެވެ.
'މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމް'އަކީ ރާއްޖޭގައި ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ މި ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްސަދުގައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް، އެމްއެމްއާރްއައިގެ ފަރާތުން ހިންގާ ޕްރޮގްރާމެކެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް އަންނަ އަހަރުވެސް ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިއަންނަ ޖަނަވަރީމަހުގެ 24ވަނަ ދުވަހުން ފެށިގެން ފެބްރުވަރީ މަހުގެ 5ވަނަ ދުވަހާއި ހަމައަށް، މާލެ އަތޮޅު މަނިޔަފުށީގައި މި ޕްރޮގްރާމް ހިންގުމަށް ނިންމާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމްގައި 15 މީހުންނަށް ބައިވެރިވެވޭނެ ކަމަށެވެ. އަދި މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް 15 މީހުންނަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހެޅި ތަރުތީބުންކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއްވައެވެ.
މި މިނިސްޓްރީ އާއި @MMRI_Maldives ގުޅިގެން ކުރިއަށް ގެންދާ ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްޤީ ކޮށް ، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން 2026 ވަނަ އަހަރުގެ ފުރަތަމަ އަސާސީ މެރިކަލްޗަރ ތަމްރީނު… pic.twitter.com/cZuZE9FI9B
— Ministry of Fisheries and Ocean Resources (@MFORmv) December 23, 2025
މިޕްރޮގްރާމަކީ މެރިކަލްޗަރގެ ދާއިރާގެ ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެތެރޭގައި، އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން އެކި ބާވަތްތަކުގެ މަހާއި ދިރުންތައް އާލާކުރުމުގެ ފިލާވަޅުތައް ވަނީ ހިމަނާފައެވެ.
• އެކުއަކަލްޗަރގެ ނިޒާމުތައް
• ދިރޭ ކާނާ އާލާކުރުން
• މަހުގެ ބަޔޮލޮޖީ
• ފާނަ އާލާކުރުން
• ހުއިފިލަނޑާ އާލާކުރުން
• ދިވެހި މާގަނޑު މަސް އާލާކުރުން
• އިތާމުތް އާލާކުރުން
• މޫދުވިނަ ހަދައި އާލާކުރުން
• އާލާކުރާ ދިރުމަށްޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން
• އެކުއަކަލްޗަރ ކުރާއިރު ތިމާވެށި ރައްކާތެރިކުރުން
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަންނަ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 14:00 ކުރިން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އައިޑީކާޑުގެ ކޮޕީއާ އެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހެޅޭނެއެވެ.
މި ޕްރޮގްރާމްތަކަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީ ގޮތުން ސިންދަފާތުކުރުމަށާއި، މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ އިސްތިރާޖީ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ މިހާތަނަށް މިފަދަ 4 ޕްރޮގްރާމެއް ބާއްވާފައެވެ. އަދި މި ޕްރޮގްރާމުތަކުން މުޅި ޖުމްލަ 53 މީހުން ވަނީ ތަމްރީނުކޮށްފައެވެ.