ވައި ނުސާފުވުމުގެ ސަބަބުން އާންމު ސިއްޙަތަށްވާ ގެއްލުން ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
ގައުމީ ޔުނިވާސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ދަށްވެ ހުރީ 175 އަރާފައެވެ. އަދި ދ. ކުޑަހުވަދޫއަށްވެސް ހަވީރު ވަގުތު ވައި ނުސާފު މިންވަރު ހުރީ 160 މަތީގައެވެ. އެޗްޕީއޭގެ އިންޑެކްސް ބުނާގޮތުން އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން ހުރީ އެންމެންނަށް ނުރައްކާވާ މިންވަރަށެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް، ވައި ނުސާފުވެފައިވާއިރު އެޗްޕީއޭއިން ވަނީ ވައި ނުސާފުވެފައިވާ ގަޑިތަކުގައި ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުން ބޭރަށް ނިކުމެ އުޅުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާހީމް އަޝްރަފް ވަނީ މި ހާލަތުގައި އެޅީދާނެ ގިނަ ފިޔަވަޅުތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އޭނާ ވަނީ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުން މިގަޑިތަކުގައި ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުން ފަދަ ކަންކަން މަޑު ޖައްސާލަން ޖެހޭ ކަމަށެވެ. އަދި ބޭރަށް ނިކުންނަ ނަމަ މާސްކް އެޅުމަށް އޭނާ އިލްތިމާސްކުރެއެވެ.
"އެފަދަ ފަރާތްތައް ބޭރަށް ނިކުންނަ ނަމަ އެން 95 މާސް ބޭނުން ކުރުން. އަދި ބޭރުގެ ވައި ނުސާފު ނަމަ ގެއަށް އޭގެ އަސަރު ނުކުރާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން. އަދި އޭގެ އިތުރަށް އެއަރ ޕިއުރިފަޔަރ އެއް ފަދަ އެއްޗެއްވެސް ބޭނުން ކުރެވިދާނެ. އާދެ އެގޮތުން ވައި ނުސާފު ވުމުން އާންމު ސިއްޙަތަށް ކުރާ ގެއްލުން ކުޑަކުރުމަށްޓަކައި ވައި ނުސާފުވާ މިންވަރު މޮނިޓަރކޮށް އެ މިންގަނޑު ބެލުމަށް ފަހު ރައްކަތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް" އަޝްރަފް ވިދާޅުވިއެވެ.
މާލެ ސަރަޙައްދު ރަތް ސަމާލުގައި އޮތްއިރު މެދުތެރޭގެ ބައެއް ސަރަޙައްދުތައް އޮތީ އޮރެންޖް ސަމާލުގައެވެ. އަދި ރާއްޖޭގެ ބައެއް ސަރަޙައްދުތައް އޮތީ ރީނދޫ ސަމާލުގައެވެ. މިހާލަތުގައިވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުޞަތު ބޮޑު، ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި އުޅުމުން ދުރުހެލިވާން ޖެހެއެވެ. އަދި އެފަދަ ފަރާތްތަކުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަމުން މިހާލަތުގައި ދުރުހެލިވާންޖެހެއެވެ. އަދި ބޭރަށް ނުކުންނަން ވާނީ މާސްކު އަޅައިގެނެެވެ.
އެޗްޕީއޭއިން ވިދާޅުވީ ވައި ސާފު މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ އައިކިއު އެއަރ http://iqair.com/maldives ނުވަތަ އެޕް މެދު ވެރިކޮށް ވައި ނުސާފު މިންވަރަށް ބަލާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުން މުހިންމުކަމަށެވެ.
ރާއްޖެ ސަރަޙައްދުގެ ވައި މިދުވަސްވަރު ނުސާފުވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން ވައި ޖެހުމާއެކު އަންނަ ދުމާއެކުގައެވެ.