އޭޝިޔާގައި ވެސް ނޭޝަންސް ލީގު ފަށަން ތައްޔާރުވެއްޖެއެވެ.
އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަނުން މި ގޮތަށް ނިންމީ އޭޝިޔާގެ ފުޓްބޯޅައިގެ ފެންވަރު ރަނގަޅު ކުރުމަށާއި ވިޔަފާރީގެ ފައިދާ އިތުރު ކުރުމަށެވެ. ނަމަވެސް މުބާރާތް ފަށާނެ ދުވަހެއް އަދި ނުނިންމައެވެ.
"އޭއެފްސީ ނޭޝަން ލީގު ވާނީ އޭޝިޔާގެ 47 ގައުމުގެ ކުރިއެރުމަށް އަހަރުމެން ކުރިއަރަން ކުރާ މަސައްކަތުގެ އާ ހަރުފަތަކަށް ރޭވުންތެރިކާއެކު ފަށާ މި މުބާރާތުގެ ސަބަބުން އޭޝިޔާގެ ހުރިހާ ގައުމަކަށް ވެސް ކުރިއެރުން އަންނާނެ. އަހަރުމެން އަމާޒަކީ ގަވާއިދުން ބޭއްވޭނެ އަދި ފެންވަރު ރަނގަޅު މެޗުތަކެއް ހޯދައިދިނުން އަދި މިއީ ހަރަދު ކުޑަ، އިންތިޒާމްތަކުގެ މަސައްކަތް ކުޑަ މުބާރާތަކަށް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން،" އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ވިންސާ ޖޯން ވިދާޅުވިއެވެ.
އޭޝިއަން ނޭޝަންސް ލީގު ބާއްވާނީ ފީފާ އިންޓަނޭޝަނަލް ކަލަންޑަރުގައި ކަނޑައަޅާފައިވާ ދުވަސްތަކުގައި މެޗުތައް ކުޅެން ކަމަށް ވެސް ވަނީ ވިސްނާފައި ކަމަށް ޖެނެރަލް ސެކްރެޓަރީ ވިދާޅުވިއެވެ.
އޭޝިޔާގެ ގައުމުތައް މި މުބާރާތް ކުޅެން ބަހާލާފައިވަނީ ތިން ގްރޫޕަކަށެވެ. މީގެ ތެރެއިން ދިވެހިރާއްޖެ ހިމެނެނީ އެންމެ ބަލި ގައުމުތައް ހިމެނޭ ތިން ވަނަ ގްރޫޕުގެއެވެ. ދެކުނު އޭޝިޔާ ނުވަތަ ސާކްގެ ގައުމުތަކުގެ ތެރެއިން އިންޑިޔާ ފިޔަވައި އަނެއް ހަ ގައުމު ވެސް ހިމެނެނީ މި ގްރޫޕުގައެވެ. ދެން ހިމެނެނީ ކެމްބޯޑިއާ އާއި ޗައިނީސް ޓައިފޭ ފަދަ ގައުމުތަކެވެ.