ރައްޔިތުން އެދޭކަންކަން ހާސިލް ކުރުމުގައި މަސްލަހަތު އޮތީ ޤާނޫނު ބަދަލުކޮށްގެން ކަމަށްވާނަމަ ބަދަލު ގެނެސްގެންވެސް ކަންކަން ހާސިލް ކުރައްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ސިލްސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރައްވަނީ ރައްޔިތުން ބޭނުންވާ ވާހަކަތައް ބޭނުންވާ ގޮތަކަށް ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. ބައްދަލުވުމުގެ ތެރެއިންނާއި ވަކިންވެސް އެއްވެސް މައުލޫމާތެއް ނުވަތަ ލިޔުމެއް ހިއްސާކުރަން ބޭނުންވާ ރައްޔިތުންނަށް އެފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިބައްދަލުވުންތަކުގައި ކޮންމެ ރައްޔިތަކުވެސް ދައްކާ ވާހަކައަކީ ސަރުކާރުން ސަމާލުކަން ދޭނެ، މުހިންމު ވާހަކަތަކެއް ކަމަށެވެ. އެ ޚިޔާލުތަކަށް ބަލައި، އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް ބަދަލު ކުރުން ކަމުގައިވާނަމަ އެކަންވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ކަމެއްގެ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ހެދިފައިވާ ޤާނޫނާއި ޤަވާއިދު ބަދަލުކުރަން ކަމުގައިވަންޏާ އެކަން ކޮށްގެންވެސް އެކަމަކަށް އެރައްޔިތަކު އެދިވަޑައިގެންނެވި ކަންތައް އެންމެ މަސްލަހަތު ރަނގަޅުގޮތަކީ އެކަން ކުރުން ކަމުގައިވާނަމަ އެކަމަކަށް ފުރިހަމަގޮތުގައި އިޖާބަ ދިނުމުގެ ވިސްނުމުގައި އަޅުގަނޑު މަސައްކަތް މިކުރަނީ،" ރައީސް ވިދާޅުވިއެވެ.
މިހާތަނަށް ބޭއްވި އެކި ބައްދަލުވުންތަކުގައި ރައްޔިތުން އަމިއްލަ ކަންބޮޑުވުންތަކާއި އަދި މާލެ ސަރަހައްދާ ގުޅިގެންހުރި އެކި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ ތެރެއިން ވަރަށް ގިނަ ކަންކަމަށް ހައްލު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެކި މަރުހަލާތަކުގައި އެކި މަސައްކަތްތައް މިހާރު ކުރެެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.