ޚަބަރު

މިރޭ 12:00އިން ފެށިގެން ނޯތު ހާބަރު ސަރަހައްދު ބަންދުވާނެ


  • ބަންދު ކުރުމަށް ނިންމާފައިވަނީ މުޙައްމަދު އިސްމާއިލް ދީދީ ގޯޅިއާއި ބޮޑުތަކުރުފާނު ގުޅޭ ސަރަހައްދުން ފެށިގެން

  • އާބުރުޒު ހިގުމާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދާ ހަމައަށް ބަންދުވާނެ

މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ މިރޭ 12:00ން ފެށިގެން އެ ސަރަހައްދު ޓްރެފިކަށް ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާތީ މިރޭގެ 12:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކުރެވޭނެ ކަމަށެވެ. އެގޮތުން، ބަންދު ކުރުމަށް ނިންމާފައިވަނީ މުޙައްމަދު އިސްމާއިލް ދީދީ ގޯޅިއާއި ބޮޑުތަކުރުފާނު ގުޅޭ ސަރަހައްދުން ފެށިގެން އާބުރުޒު ހިގުމާއި ބޮޑުތަކުރުފާނު މަގު ގުޅޭ ހިސާބަށެވެ.

ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގެންދާނީ 3 ސެގްމެންޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސެގްމަންޓްގެ މަސައްކަތްކުރުމަށް، ލޯކަލް މާރުކެޓްގެ ހުޅަނގަށް 100 މީޓަރު ސަރަހައްދުގައި ހިމެނޭ އެންމެހައި ކަނޑު އުޅަނދުތައް ނެގުމަށް އެމްޕީއެލުން އެންގިއެވެ. އަދި އެ ސަރަހައްދު ބޭނުންކުރާ އޮޑި ދޯނިފަހަރަށް ވަގުތީ ގޮތުން އެހެން ސަރަހައްދުތަކެއް ވަނީ ހަމަޖައްސާފައެވެ.

މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތައް އެއްބާރުލުން ދިނުމަށް އެމްޕީއެލުން އެދެއެވެ. މަސައްކަތް ކުރިއަށްދާ މުއްދަތުގެ ތެރޭގައި، އޮޑި ދޯނި ފަހަރަށް ދަތިނުނުވާނެ ގޮތަށް، ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިންތިޒާމްތައް ހަމަޖައްސާނެކަމުގެ ޔަޤީންކަން އެމްޕީއެލްއިން ދެއްވައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް 3 މަސްތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.