މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު އޮތެންޓިކް މޯލްޑިވްސްއިން ވިއްކި ދިވެހި އުފެއްދުންތަކުގެ އަގު 3 މިލިޔަން ޑޮލަރު ނުވަތަ 45 މިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އުފެއްދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިވެހި އުފެއްދުންތައް ވިއްކަމުންނެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރު އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް 26.2 މިލިޔަން ރުފިޔާގެ ދިވެހި އުފެއްދުންތައް ވިއްކާފައިވެއެވެ. މިއީ މި އަހަރުގެ ފުރަތަމަ 10 މަހު އޮތެންޓިކް މޯލްޑިވްސްއިން ވިއްކި 45 މިލިޔަން ރުފިޔާގެ އުފެއްދުންތަކާއި އަޅާ ބަލާއިރު 7 އިންސައްތަ އިތުރު އަދަދެކެވެ.
މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު އޮތެންޓިކް މޯލްޑިވްސް ބްރޭންޑުގެ ދަށުން 35 ފަރާތެއްގެ އުފެއްދުންތައް ވިއްކާފައިވެއެވެ. އަދި މި ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ 69 އިންސައްތައަކީ އަންހެނުންނަށް ޚާއްސަ ވިޔަފާރިތަކެވެ.
އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ގަން އިންޓްނޭޝަނަލް އެއަރޕޯޓާއި، ތޮއްޑޫގެ އިތުރުން ވިލާ ނޯޓިކާގައި އަންނަނީ ހިންގަމުންނެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން ޖަޕާނުގެ ކަންސައި ނަރީތާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ވޯލްޑް ބޭންކް މައި އޮފީހުގައި ވެސް އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ދަނީ ހިންގަމުންނެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ހުރިހާ ޚިދުމަތެއް އެއް ޕްލެޓްފޯމަކުން ފޯރުކޮށްދޭން "ކުމެވި" ޕޯޓަލްގައި 1021 ފަރާތެއް ރަޖިސްޓްރީވެފައިވާ ކަމަށްވެސް އިޤްތިޞާދީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އެމީހުންގެ އުފެއްދުންތައް ރާއްޖެއިން ބޭރުގެ މާކެޓްތަކުގައި ވިއްކޭނެ މަގު ފަހިކޮށްދިނުމަށް އޮތެންޓިކް މޯލްޑިވްސްއިން މިހާރު ވަނީ އޮންލައިން ފިހާރައެއް އަލިބާބާގައި ހުޅުވާފައެވެ. މިތަނުން މިހާރު ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ގަންނަންވެސް ލިބެން އެބަހުއްޓެވެ.
މިކަމާ ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި މަސައްކަތަކީ ދިވެހި ވިޔަފާރިތަކަށް ފުރުޞަތުތައް ފުޅާކުރުމަށާއި، ވިޔަފާރިވެރިން ބާރުވެރިކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިވެހި އަސްލު އުފެއްދުންތައް އިސްތިހާރުކުރުމަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ. މީގެ އިތުރުން، މިކަމަކީ ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ލިބޭ ފައިދާތަކުގެ ރަނގަޅު މިސާލެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ދަނީ ފަންނުވެރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްވެސް ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ފަންނުވެރިކަމުގެ އިޤްތިޞާދު ޤައުމުގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރާނޭ ސިނާޢަތަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މިމަގަށް މަސައްކަތް ކުރުމަށް ޤައުމީ އުފެއްދުތެރިކަމުގެ މަޢުރަޒުގެ ނަމުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު މަޢުރަޒު މިއަހަރު ވަނީ ބާއްވާފައެވެ.