ޚަބަރު

"މިއީ ސަރުކާރުން ކޮށްދޭ މަސައްކަތްތަކުގެ އަގު ވަޒަންކުރަން ލިބޭ ފުރުސަތެއް"


  • ކާވާ މުބާރާތުން ރާއްޖެއަށް ރަން މެޑަލް ހާސިލުކޮށްދީ ތަށި އުފުލާލުމުގެ ޝަރަފު ހޯދައިދިނުމަށް އިލްތިމާސް ކުރެއްވި

  • ރާއްޖެ ވާދަކުރާ ފުރަތަމަ މެޗު އޮންނާނީ މިރޭ، ނިކުންނާނީ ބަނގްލަދޭޝް އާއި ދެކޮޅަށް

މިރޭ ރާއްޖޭގައި ފަށާ ވިމެންސް ކާވާ ކަޕް 2025 އަކީ ސަރުކާރުން ގައުމީ ޓީމުގެ ކުޅުންތެރިންނާއި ވޮލީގެ ކުރިއެރުމަށް ކޮށްދެއްވާ ކަންތައްތަކުގެ އަގު ވަޒަން ކުރުމަށް ކުޅުންތެރިންނަށް ލިބޭ ފުރުސަތެއް ކަމަށް ފާހަގަކޮށް ޓީމުން ކާމިޔާބު ހޯދުމަށް ވޮލީބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ މުހައްމަދު ސައީދު އެދިއްޖެއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ވިމެންސް ކާވާ ކަޕް، މިރޭ ހާއްސަ ރަސްމިއްޔާތަކާއެކު ފެށުމަށް ހަމަޖެހިފައިވާއިރު މިރޭ ކުޅޭ ފުރަތަމަ މެޗުގައި ދިވެހިރާއްޖެ ނިކުންނާނީ ބަނގްލްދޭޝް އާއި ދެކޮޅަށެވެ.

ވީއޭއެމް އިން ވަނީ ވީހާވެސް ގިނަ ދިވެހިން ރާއްޖޭގެ ގައުމީ އަންހެން ޓީމަށް ހިތްވަރު ދިނުމަށް މިރެއާއި ރާއްޖޭގެ މެޗުތައް އޮންނަ ދުވަސްތަކުގައި ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލަށް އައިސްދިނުމަށް އެދިފައެވެ. ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ 21 ވަނަ ދުވަހު އަފްޣާނިސްތާނާއި ދެކޮޅަށެވެ. ތިންވަނަ މެޗުގައި ދިވެހި ޓީމު ނިކުންނާނީ ކިރްގިސްތާނާއި ދެކޮޅަށެވެ.

ކުޅުންތެރިންނަށް ޖޯޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވީއޭއެމްގެ ޖެނެރަލް ސެކެޓްރީ ބުނީ ގައުމީ ޓީމަށް ސަރުކާރުން ކޮށްދެއްވާ ކަންކަން އަގުވަޒަންކުރުން މުހިންމު ކަމަށާއި، މި މުބާރާތުން ރާއްޖޭގެ ގައުމީ ޓީމުން ރަން މެޑަލް ހާސިލުކޮށްދީ ރާއްޖެއަށް ތަށި އުފުލާލުމުގެ ޝަރަފު ހޯދައިދިނުމަށް އިލުތިމާސް ކޮށްފައެވެ.

ރާއްޖޭގެ ސީނިއަރ އަންހެން ޓީމު ވަނީ ހެޑް ކޯޗު މުޙައްމަދު ނަދީމުގެ އިރުޝާދުގެ ދަށުން މި މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. އަދި ރަން މެޑަލަށް އަމާޒު ހިފައިގެން ތައިލޭންޑުގައި ކާމިޔާބު ކޭމްޕެއް ބާއްވާ ރާއްޖޭގައިވެސް ވަރަށް ހައި އިންޓެންސިޓީގައި ފަރިތަކުރުންތައް ބޭއްވިއެވެ.

ގައުމީ ޓީމަށް ޖޯޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސައީދު ބުނީ ވޯލީގެ ކުރިއެރުމަށާއި، ގައުމީ ޓީމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސެއިން މުޙައްމަދު ލަޠީޕް މި ކުޅިވަރަށް ދެއްވާ އަހަންމިޔަތުކަން ފާހަގަ ކުރައްވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގެ މެޗުތައް ބައްލަވާލެއްވުމަށްވެސް ވަޑައިގެންދެއްވިކަން ފާހަގަކުރައްވާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުޅިވަރު ވުޒާރާއިން އެސޯސިއޭޝަނަށް ދެއްވާ އެއްބާރުލެއްވުން ފާހަގަ ކުރައްވާ އެކަމަށްޓަކައި ވަޒީރު ޢަބްދުﷲ ރާފިއުއަށް ޝުކުރު އަދާކުރައްވާފައެވެ.

މި މުބާރާތުން ރާއްޖެއަށް ރަން މެޑަލް ގެނެސްދިނުމަށް ޓީމުން ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެކަން ފާހަގަކޮށް ސައީދު ވަނީ ހުރިހާ ކުޅުންތެރިންނަށްވެސް ހިތްވަރު ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރު ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ މުސާރަ 7000 ރުފިޔާއަށް ބޮޑުކޮށްދެއްވާފައެވެ. އެހެންކަމުން ފެންވަރު މަތިކުރުމަށް ޓްރޭނިން ކޭމްޕުތަކަށް ދިއުމާއި، ރިކަވަރީއަށް ކުރާ ހޭދަ ފަދަ، ހަރަދު ބޮޑު ކަންކަމަށް ކުޅުންތެރިންގެ އަތުން ހޭދަވާ ފައިސާގެ މިންވަރު މަދުކުރުމަށް މި ފިޔަވަޅާއެކު މަގުފަހިވެފަހިވާކަން އެސޯސިއޭޝަންތަކުން ފާހަގަކުރެއެވެ.

ވީއޭއެމްގެ ކުޅުންތެރިންނަށްވެސް މިކަމުގެ މަންފާކުރަން ފަށާފައިވާއިރު ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އަންނަ ޖެނުއަރީ އިން ފެށިގެން އިންޝިއުރެންސް ހަމަޖެހޭނެ ކަމަށް ސަރުކާރުން ވަނީ އިއުލާނު ކޮށްފައެވެ.