ކުޅިވަރު

ފްލިކް ކޮންޓްރެކްޓް އާ ކުރާނީ ދެ ކަމަކަށް ބަލާފައި


ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ކޮންޓްރެކްޓް އާ ކުރާނީ ދެ ކަމަކަށް ބަލާފައި ކަމަށް ބުނެފި އެވެ.

ޖަރުމަނުގެ ކޯޗު މި ގޮތަށް ނިންމީ އޭނާގެ ކޮންޓްރެކްޓް 2028 ވަނަ އަހަރާ ހަމައަށް އިތުރު ކުރަން ބާސެލޯނާއިން ހުށަހެޅުމުންނެވެ. ކުލަބުގެ ރައީސް ޖޯން ލަޕޯޓާ އާއި ފުޓްބޯޅަ ޑައިރެކްޓަރު ޑެކޯ ވަނީ ހުސްވި ހަފުތާގައި ކޯޗާ ބައްދަލުކޮށް ކޮންޓްރެކްޓާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

ހުސްވި ސީޒަނުގައި ބާސެލޯނާއާ ގުޅުނު ކޯޗު ކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.

ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި ފްލިކް ކޮންޓްރެކްޓް އާ ކުރަން ބަލާނެ ފުރަތަމަ ކަމަކީ މި ސީޒަނުގެ ނަތީޖާތަކެވެ. ދެ ވަނަ ކަމަކީ އަންނަ ސީޒަނަށް ތައްޔާރުވާން ބާސެލޯނާގެ ތައްޔާރީތަކެވެ. މިހެންވެ އޭނާ ކޮންޓްރެކްޓާމެދު ގޮތެއް ނިންމާނީ މި ސީޒަން ނިމުމުންނެވެ.

ޖަރުމަނުގެ ބަޔާން މިއުނިކާއި އެ ގައުމުގެ ގައުމީ ޓީމަށް ވެސް ކުރިން ކޯޗުކޮށްދިން ފްލިކް ވަނީ އޭނާގެ ފުރަތަމަ ސީޒަނުގައި ބާސެލލޯނާގައި ތިން ތަށި ކާމިޔާބުކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕާއި ކޮޕާ ޑެލްރޭ އެވެ. އަދި ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނެވެ.

މި ސީޒަނުގައި ސްޕެނިޝް ލީގުގެ އެއްވަނާގައި ބާސެލޯނާ މިވަގުތު އޮތްއިރު އެ ޓީމަށް ހަތަރު ތަށި ވެސް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ.