ޚަބަރު

ވަޢުދާ އެއްގޮތަށް އެފްޑީސީ ފްލެޓުތަކުގެ ކުއްޔާއި ޑިޕޮޒިޓަށް ހެޔޮ ބަދަލެއް


  • 3 ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ކުލި 10،000 ރުފިޔާއަށްވަނީ ކުޑަކޮށްފައި

  • 2 ކޮޓަރީގެ ޑިޕޮޒިޓް 6000 ރުފިޔާއަށް ވަނީ ކުޑަކޮށްފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ފްލެޓުތަކުގެ ކުއްޔާއި ޑިޕޮޒިޓަށް ބަދަލުގެނެސްފިއެވެ.

އެފްޑީސީން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކުން ޑިޕޮޒިޓާއި ކުލީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ވަނީ ރައީސާ ހިއްސާ ކުރައްވާފައެވެ. އެ ކަންބޮޑުވުންތަކާއެކު އަގުތަކަށް ބަދަލު ގެންނަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަމާން ދޯދި އަދި އަމާން އުދަރެސްގެ ފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ ފްލެޓުތަކަށް ޑިޕޮޒިޓްގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ 25،000 ރުފިޔާއެވެ. އަދި ކުލީގެ ގޮތުގައި ކޮންމެ މަހަކު 10،500 ރުފިޔާ ދައްކަން ޖެހެއެވެ. 2 ކޮޓަރީގެ އެޕާޓްމަންޓުތަކަށް ޑިޕޮޒިޓްގެ ގޮތުގައި 15،000 ރުފިޔާ ދައްކަންޖެހޭއިރު މަހު ކުލީގެ ގޮތުގައި 8،000 ރުފިޔާ ދައްކަންޖެހެއެވެ.

މި އަގުތަކަކީ އާންމު ރައްޔިތަކަށް ދައްކަން ދަތި އަގުތަކެއް ކަމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ. އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 3 ކޮޓަރި ލިބިފައިވާ ފަރާތްތަކުގެ ކުލި 10،000 ރުފިޔާއަށް އަދި 2 ކޮޓަރި ލިބުނު ފަރާތްތަކުގެ ކުލި 6،000 ރުފިޔާއަށް ކުޑަކުރައްވާނެކަމަށެވެ.

"3 ކޮޓަރި ލިބިފައި ހުރި ފަރާތްތަކުގެ މަހުން މަހަށް އޮންނަ އަގާއި އަދި މެއިންޓަނަންސްއާއި ހުރިހައި އެއްޗެއް އެއްކޮށް މިއޮތީ 10،500. އެ އަދަދު 10،000 ރުފިޔާއަށް ކުޑަކޮށް އަދި އެޑްވާންސް ޕޭމަންޓް 25،000 ރުފިޔާ 8،000 ކުޑަކުރެވިގެންދާނެ. ދެން ހަމަ އެއާއިއެކީގައި 7،000 ރުފިޔާ ދައްކަން މިއޮންނަނީ 2 ކޮޓަރީގެ ފަރާތްތައް އެފްޑީސީގެ ފްލެޓްތަކުގައި އެ އަދަދު މި ކުޑަކުރެވިގެންދަނީ 6،000 ރުފިޔާއަށް. ޓޯޓަލް މިހާރު ދައްކަންޖެހޭ އަދަދުން 1،000 ރުފިޔާއަށް ކުޑަކުރެވިގެންދާނެ. ހަމަ އެއާއިއެއްގޮތަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާ އަދަދުވެސް 1 މަހުގެ ކުއްޔަށްވާވަރަށް ކުޑަވެފައި އޮންނާނީ" ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ވަޢުދުފުޅާ އެއްގޮތަށް މިހާރު އެ ފްލެޓުތަކުގެ އަގުތަކަށް ބަދަލު ގެނެސްފައިވާކަން އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، ރައީސް ވިދާޅުވިގޮތަށް 3 ކޮޓަރީގެ އެޕާޓްމަންޓުތަކަށް މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ ހިމެނޭހެން ޖުމްލަ 10،000 ރުފިޔާ ދައްކަން ޖެހޭގޮތަށް ބަދަލު ކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވިގޮތުގައި އަމާން އުދަރެސް އަދި އަމާން ދޯދިން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 3 ކޮޓަރި ލިބުނު ފަރާތްތައް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކަންޖެހޭނީ 8،500 ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން 2 ކޮޓަރި ލިބުނު ފަރާތްތަކުން މަހު ކުލީގެ ގޮތުގައި 6000 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1000 ރުފިޔާއާ އެކު ޖުމްލަ 7000 ރުފިޔާ ދައްކަންޖެހޭއިރު ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކަންޖެހޭނީ 6،000 ރުފިޔާ ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

ސަރުކާރުތަކުން ހިންގާފައިވާ ގެދޮރުވެރިކަމުގެ ސިޔާސަތުތަކުގެ ތެރެއިން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުއްޔާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޖުމްލަ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކާއި ވިނަރެސް ފްލެޓުތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށްވެސް ލުއިގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.