ރަށުފެންވަރުގައާ ގައުމީ ފެންވަރުގާ މަދަނީ ޖަމިއްޔާތައް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ސިވިލް ސޮސައިޓީ އެވޯޑް 7 ޖަމިއްޔާއަކަށް ދީފިއެވެ.
މިކަމަށްޓަކައި ޔޫތު ހަބްގައި ބޭއްވި ހަފްލާގައި އެވޯޑް ލިބުނު ޖަމިއްޔާތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދެވެ. މިއަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ހިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުގެ ދާއިރާ އިން ލިބުނީ ވިމެން އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް ތިނަދޫއަށެވެ.
އަދި ޚާއްސައެހީގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު 2025 ލިބުނީ ކެއާރ ސޮސައިޓީ އަށެވެ. ތަޢުލީމީ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު ތުޅާދޫ ސިލްވަރޝައިން ކުލަބް އަށް ލިބުނު އިރު ދިވެހިންގެ ޘަގާފަތާއި އާދަކާދަތަކާއި، ތާރީޚީ ތަރިކަ، ދިވެހިބަސް ދިރުވުމުގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު ހާސިލް ކުރީ ޝާއިރުންގެ ވާދީއެވެ.
ތިމާވެށީގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު 2025 ހާސިލް ކޮއްފައިވަނީ ކްލީން މޯލްޑިވްސްއެވެ. ޞިއްޙީ ދާއިރާ އަދި ދުޅަހެޔޮ މުޖްތަމަޢުއަކަށް މަސައްކަތް ކުރުން މި ދައިރާ އިން ސިވިލް ސޮސައިޓީ އެވޯޑު މިއަހަރު ލިބުނީ އަލްޒައިމާ ސޮސައިޓީ އޮފް މޯލްޑިވްސްއަށެވެ.
މަސްތުވާ ތަކެތިން މުޖްތަމަޢު ރައްކާތެރިކުރުން މި ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު 2025 ހާސިލްކޮއްފައިވަނީ ގިރިންދާއެވެ. މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ސިވިލް ސޮސައިޓީ އެވޯޑު 7 ޖަމިއްޔާއަކަށްލިބުނު ނަމަވެސް 2026 ވަނަ އަހަރުގެ މި އެވޯޑަށް ގިނަ ދާއިރާތަކެއް އިތުރުކޮށް ގިނަ ޖަމިއްޔާތަކެއްގެ އަގު މި ވުޒާރާއިން ވަޒަން ކުރައްވާނެ ކަމަށެވެ.