މިރެއިން ފެށިގެން، މާލެ ސަރަޙައްދާއި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދަންވަރު ވަގުތުގައި ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވާ މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑު ދަންވަރުގެ ވަގުތުގައި ރަށުތެރޭގައި، އާންމު މަސްލަޙަތު ގެއްލޭފަދަ ޢަމަލުތައް ހިންގުމާއި އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އުޅޭކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެއެވެ.
އެގޮތުން ބުދަ ދުވަހުގެ ރެއިން ފެށިގެން ކޮންމެ ރެއަކު މެންދަމު 00:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށްގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިމަސައްކަތް މާލެއާއި ހުޅުމާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައިވެސް މިމަސައްކަތް ކުރިއަށްގެންދާނެކަމަށް ފުލުހުން ވިދާޅުވިއެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ހިންގަމުންދާ މަސައްކަތްތަކުގެ ތެރެއިން ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމާ ގުޅޭ pic.twitter.com/BfzkjH1sdv
— Maldives Police (@PoliceMv) December 17, 2025
މީގެ ދަށުން ދަންވަރުގެ ވަގުތުތަކުގައި ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވާ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މާލެ ސަރަޙައްދުގައި އެކި ތަންތަނުގައި ނިދާ ބިދޭސީންގެ ޙާލަތު ބަލައި އެފަރާތްތައް ރާއްޖޭގައި ދިރިއުޅެމުންދަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރާނެކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިގޮތަށް ބަލަމުންދާއިރު ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންނާ މެދު ޤާނޫނީ ފިޔަވަޅުއެޅުމަށް އެފަރާތްތައް މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
މާލޭގެ އެކި ސަރަޙައްދުތަކުގައި މެންދަމުގެ އެކި ގަޑިތަކުގައިވެސް ބިދޭސީން އެއްވެ އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ކަންކަން ކުރަމުންދަކަމުގެ ކަންބޮޑުވުން ރައްޔިތުން ހިއްސާކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާވަނީ އެފަދަ ކަންކަން ބެލުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވާފައެވެ.