ފަތުރުވެރިކަމާއި މަތީ ތަޢުލީމު ހިމެނޭހެން ޕާކިސްތާނާއެކު ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފާއި ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާތައް ކުރައްވާފައިވަނީ ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ސަރްދާރް އަޔާޒް ޞާދިޤް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.
ދެ ބޭފުޅުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެކި ދާއިރާތަކުން ޕާކިސްތާނުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މޫސުމީ ބަދަލުތަކާއި މޫސުމީ ވިލުންތެރިކަން އިތުރުކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން، ފަތުރުވެރިކަމާއި މަތީ ތަޢުލީމުގެ ދާއިރާއިން ކުރިއަށް އޮތްތަނުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ދެ ޤައުމަށް ފައިދާވާނެ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ދަޢުވަތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.